ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޮސްގެ ކެރިއަރުގައި ކާމިޔާބު ކުރި 120 ވަނަ ގޯލާއި އެކު ރިއަލް އިން އެތްލެޓިކް ބިލްބާއޯ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ހަމަ ޖެހިލައިފިއެވެ.

ރޭ ސްޕެނިޝް ލަލީގާ ގައި ރެއާލް މެޑްރިޑް އާއި އެތްލެޓިކް ބިލްބާއޯ ބައްދަލު ކުރި މެޗު ރެއާލް އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.

ރޭގެ މެޗްގައި ފެނިގެންދިޔަ ހަމަ އެކަނި ގޯލަކީ އެތުލެޓިކް ބިލްބާއޯ ޑިފެންޑަރު ޑެނީ ގާސިއާ ރެއާލްގެ މާސެލޯއަށް ކުރި ފައުލަކާ ގުޅިގެން ރެއާލްއަށް ލިބުނު ޕެނަލްޓީއެއް އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ގޯލްގެ ކަނަށް ފޮނޮވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ. މި ގޯލާ އެކު ރާމޯސް ވަނީ ޑިފެންޑަރުންގެ ތެރެއިން ކެރިއަރުގައި އެންމެ ގިނަ ލަނޑު ޖެހި މީހުންގެ ލިސްޓުގެ ހަވަނައަށް އަރައިފައެވެ.

މި ލިސްޓުގެ އެއްވަނައިގައި އޮތީ ނެދެލެންޑްސްގެ ރޮނަލްޑް ކޯމަން (253 ގޯލް) އެވެ. ދެވަނައިގައި އޮތީ އާޖެންޓީނާގެ ޑެނިއަލް އަސެރެއްލާ (175 ގޯލް)، ތިން ވަނައިގައި އޮތީ ސްޕެއިންގެ ފެރްނާޑޯ ހިއެރޯ(163 ގޯލް)، ހަތަރުވަނަ ފްރާންސްގެ ލޯރެން ބްލާންކް (153 ގޯލް) އެވެ. ބްލާންކް އަކީ ފްރާންސްގެ ގައުމީޓީމުގެ މިހާރު ކޯޗެވެ. އަދި މި ލިސްޓްގެ ފަސްވަނަ ލިބެނީ ސްކޮޓްލަންޑްގެ ގްރަހަމް އެލެކްސެންޑާ (130 ގޯލް) އަށެވެ.

ރާމޯސްގެ ރިކޯޑްގެ އިތުރުން ރޭގެ މެޗުން ރެއާލް މެޑްރިޑްގެ ކީޕަރު ކްރޮޓްވާ ވަނީ ރިއަލްއަށް 17 މެޗުގައި އެ ޓީމުގެ ކޮޅަށް ގޯލެއް ނުވަދެ 1995 ގެ ފަހުން އެންމެ ގިނައިން ކްލީން ޝީޓްސް ގާއިމް ކުރި ކީޕަރަށް ވެފައެވެ.

ރޭގެ މެޗްގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ރެއާލް މެޑްރިޑް އިން ކުޅުނު ނަމަވެސް ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ރެއާލް މޮޅުވި ލަނޑު، ލިބުނު ޕެނަލްޓީއަކުން މެޗްގެ 73 ވަނަ މިނެޓް ގައި ކާމިޔާބު ކޮށް، އެޓީމުގެ ކެޕްޓަން ރާމޮސް ވަނީ ލީގު އަލުން ފެށުމަށް ފަހު ކުޅުނު 7 މެޗުން ފަސް ލަނޑު ރިއާލް އަށް ކާމިޔާބު ކޮށްދީފައެވެ. އަދި މިއީ މިސީޒަން ގައި އޭނާ ޖެހި 10 ވަނަ ގޯލެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރެއާލް އިން ވަނީ ލީގު ހޯދުމާ ގާތަށް ޖެހިލައިފައެވެ. ލީގުގައި ބާކީ 4 މެޗު އޮތް އިރު އޭގެތެރެއިން 3 މެޗު ކާމިޔާބުކޮށްގެން ރެއާލްއަށް ލީގު ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެޓީމު މިހާރު ތާވަލްގެ އެއްވަނައިގައި އޮތީ 77 ޕޮއިންޓާއި އެކުގައެވެ.