ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ ނައިބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު އައްޔަން ކުރައްވަައިފިއެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރޭގައި ހިމެނޭ އަމީތަކީ މިހާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ކޮއްކޮއެވެ.

ފޮރިން މިނިސްޓްރީން ވަނީ ޑެޕިއުޓީ އެމްބެސެޑަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަމީތު އައްޔަނުކުރައްވާފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ. ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަކީ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގެ މަގާމެކެވެ.

ރާއްޖޭއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ އިބްރާހިމް އުވައިސްއެވެ.

އަމީތު ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާއަށް އިންތިހާބުވެވަޑައިގަތީ ޕީޕީއެމްގެ ޓިކެޓުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓަވައިފައެވެ. އަމީތަކީ މިހާރު ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.