އައިޖީއެމްއެޗްގެ އިތުރު ދެ މުވައްޒަފަކާއި ޑިސްޗާޖު ކުރި ދެ ބަލި މީހަކު ޕޮޒިޓިވްވެ، ޕޮޒިޓިވްވީ މީހުންގެ އަދަދު 15 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، އައިޖީއެމްއެޗްއިން އިތުރު ދެ މުވައްޒަފަކާއި ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ދެ ބަލި މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"މިއަދު މިވަނީ އިތުރު ދެ ސްޓާފުން ބައްޔަށް ޕޮޒިޓިވްވެފައި. އަދި ފަރުވާ ދިނުމަށްފަހު ޑިސްޗާޖު ކުރެވުނު ދެ މީހުންވެސް ބައްޔަށް ޕޮޒިޓިވްވެފައިވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އައިޖީއެމްއެޗުން ބައްޔަށް މިއަދު ޕޮޒިޓިވްވި ހަތަރު މީހުންނާއެކު އެ ހޮސްޕިޓަލުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 15 އަށް އަރައިފައެވެ. އެއީ ހަ މުވައްޒަފުންނައި ހަތް ބަލި މީހުންނާއި ދެ އެހީތެރިން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އައިޖީއެމްއެޗުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނައިރު މިއަދު މެންދުރާ ހަމައަށް 308 ސާމްޕަލް އައިޖީއެމްއެޗް ކޭސްއާ ގުޅިގެން ވަނީ ނަގައިފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފަކާއި ޓްރީޓަޕް ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފެއްވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ފިޔަވަތިން ފެނުނު ޕޮޒިޓިވް ކޭސްއަކީ އައިޖީއެމްއެޗް ކޭސްއާ ގުޅުން ހުރި ކޭސްއެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.