ފިޔަވަތީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ، 21 ކުދިން ކަރަންޓީނުކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ، އެތަނުގައި މަސައްކަތް ކުރާ 11 ސްޓާފުންނާއި 21 ކުދިން ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ފިޔަވަތިން ބައްޔަށް ޕޮޒިޓިވްވި މުވައްޒަފަކީ އައިޖީއެމްއެޗުގައި އޮތް ބަލި މީހެއްގެ އާއިލާގެ މީހެއް ކަމަށާއި އޭނާ ވަނީ އެ ބަލި މީހާއަށް ޒިޔާރަތްކުރުމަށް އައިޖީއެމްއެޗަށް ގޮސްފައި ކަމަށެވެ.
"ފިޔަވަތިން ވަނީ ކުދިން ބަލަހައްޓާ މީހެއް ޕޮޒިޓިވްވެފައި. މިއީ އައިޖީއެމްއެޗުގައި އޮތް ބަލި މީހެއް ކައިރިއަށްވެސް ޒިޔާރަތްކުރި މީހެއް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ފިޔަވަތީގެ މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މުވައްޒަފުންނާއި ކުދިން ކަރަންޓީންކޮށްފައިވަނީ ފިޔަވަތީގައި ކަމަށެވެ. ކަރަންޓީންކޮށްފައިވަނީ ހަ އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނެވެ.
އައިޖީއެމްއެޗުން މިހާތަނަށް ވަނީ 15 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން މިއަދު ކޮވިޑަށް 33 މީހުން ޕޮޒިޓިވްވެ 19 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވްވި 33 މީހުންނާއެކު ޖުމްލަ އަދަދު ވަނީ 2468 އަށް އަރައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު