ދިވެހި ސިފައިންގެ ވެލްފެއާގެ ކަންކަން އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިފައިންގެ ވެލްފެއާގެ ކަންތައްތައް ވެސް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް ސަރުކާރުން އިތުރު މަސައްކަތްތައް ކުރާ ކަމަށެވެ.

"ސިފައިންގެ ވެލްފެއާގެ ކަންތައްތައް ވެސް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް ސަރުކާރުން އިތުރު މަސައްކަތްތައް އެބަކުރަން. އޭރުން ދިވެހި ސިފައިންގެ ގައުމީ ހިދުމަތް މިހާރަށްވުރެ ވެސް ފުރިހަމައަށް ދިވެހި ގައުމަށް ލިބެމުންދާނެކަން ޝައްކެއް އަޅުގަނޑު ނުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ރާއްޖެ ތަރައްގީކުރުމައިގެން ކުރިއަށްމިދަނީ މިގައުމުގެ ދިފާއީ މައި ތަނބަކީ ދިވެހި އަސްކަރިއްޔާ ކަމުގައި ބަލައިގެން ކަމަށާއި އެހެންކަމުން ދިވެހި ސިފައިންނަކީ އިލްމީގޮތުންނާއި ފަންނީގޮތުން އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ނަފުސާނީގޮތުން ވެސް ސިފަވަންތަ ބަޔަކަށް ހެދުމަށް ސަރުކާރުން ވަރަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ.

"ތިޔަބޭފުޅުންގެ ހިދުމަތް މުޅި ދިވެހި ގައުމު ބަލައިގަންނާނެ. ދިވެހި ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، އަދި ރައްޔިތުންނަށް މެދުވެރިވާ ދަތި އުނދަގޫ ކޮންމެ ހާލަތެއްގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ދިފާއުގައި އެންމެ ފުރަތަމަ ތެދުވާނެ ބަޔަކީ ދިވެހި ސިފައިން. ކޮވިޑް 19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް މިހާތަނަށް ކުރި މަސައްކަތުގައި ވެސް އަދި މިހާރު ކުރަމުން އަންނަ މަސައްކަތުގައި ވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި ހަރުދަނާކަމާއި ގާބިލުކަމާއި ގައުމަށް ހިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއް ނެތި ސާބިތުވެ ތިބިތަން." އެމަނިކުފާނު ވިދާޅުވިއެވެ.