ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ ދެ މަސް ދުވަހަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ކޮމިޝަނުން މުލްހާ ސަސްޕެންޑް ކުރަން ނިންމާފައިވަނީ މިއަދު އެކޮމިޝަނުން ބޭއްވި 47 ވަނަ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ޖޭއެސްސީގެ އަށް މެންބަރުން ބައިވެރިވެފައިވެއެވެ.
ޖޭއެސްސީން ބުނީ މުލްހާ ސަސްޕެންޑް ކުރަން ނިންމާފައިވަނީ އޭނާއާ މެދު އެކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ބާވަތަށާއި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ މުއްދަތުގައި އޭނާ މަސައްކަތަށް ނުކުންނަ ނަމަ ތަހުގީގަށް އެޅިދާނެ ހުރަސްތަކަށް ރިއާޔަތްކޮށް، ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މުލްހާ ވަގުތީ ގޮތުން 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން ކުުރިން ބުނީ މުލްހާ އަލީއާ ގުޅޭގޮތުން ތަހުގީގު ކުރަން ނިންމާފައިވަނީ ހަތަރު މައްސަލައެއް ކަމަށެވެ. އެއީ ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލުވާ އެކި މީހުންނާއެކު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާކަމުގެ ތުހުމަތާއި ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދު މުއްދަތު ޖަހާފައިވަނިކޮށް އެ ބަންދު އަމުރު މުރާޖައާކޮށް ގޮތް ނިންމި ކަމަށް ބުނެވޭ މައްސަލައެކެވެ. އަދި އާއިލީ ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން ފުލުހުންގެ އިދާރާއިން ހިންގި ތަހުގީގަކަށް ހުރަސްއަޅައި ހެކި ނައްތާލަން މަސައްކަތްކޮށް ފަނޑިޔާރެއްގެ އަމަލުތައް ބަހައްޓައިގެން ނުވާނެ ފަދަ ގޮތަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެކެވެ.
މުލްހާ ސަސްޕެންޑް ކޮށްފައިވާއިރު، ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީއާ އިތުރު އ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހިމްގެ މައްސަލައަކާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުހައްމަދުގެ މައްސަލައެއްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އަދި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވެސް ޖޭއެސްސީން ވަނީ މިދިޔަ މަހު ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު