މަނީ ލޯންޑާ ކުރުމުގެ ކުށުގައި ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލުމުން، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްސަލަ، މަތީ ކޯޓުތަކުން އިންސާފުވެރިކަމާއެކު ބަލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް، ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ އަވަސް އޮންލައިންގެ މިއަދުގެ ފަށަމާ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑރ. ޖަމީލު މިއަދު ވިދާޅުވީ، އެ މައްސަލަ އިންސާފުވެރިކަމާއެކު ކުރިޔަށް ގެންދަން ފަނޑިޔާރުގެއިން ފުރުސަތު ދެއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އެކަމުގައި ސަބަބުތަކެއް އެބަހުރި ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
އެއް ސަބަބަކީ، ރާއްޖޭގެ ޑިމޮކްރަސީގައި ކުރި ދިގު ދަތުރުގައި ރާއްޖެއަށް ޑިމޮކްރަސީ ގެނެސް މިނިވަން މުއައްސަސާތައް ގާއިމްކޮށް ޖުޑިޝަރީ މިނިވަން ކުރީ އެތައް ބައެއްގެ ބުރަ މަސައްކަތުން ކަމަށް ވާތީ ކަމުގައި ޖަމީލު ވިދާޅުވިއެވެ. އެހެންކަމުން މި ނިޒާމުގައި ޝަރުއީ ދާއިރާގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އެބަ އޮތް ކަމަށާއި، އެއީ އެއްވެސް ގޮތަކަށް އެއްވެސް ނުފޫޒެއް އެދާއިރާއަށް ވަނަ ނުދިނުން ކަށަވަރު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
"ޝަރުއީ ދާއިރާގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އެބަ އޮތް އެ މަސްއޫލިއްޔަތަކީ، މިކުރި މަސައްކަތުގައި ޝަރުއީ ދާއިރާއާ ހަވާލުކުރި މަތިވެރި މަސްއޫލިއްޔަތު އަދާރުން، ރާއްޖޭގައި އޮންނަން ޖެހޭނީ މިނިވަން މުސްތަގިއްލު ޝަރުއީ ނިޒާމެއް، އޭގެ މާނައަކީ އެއްވެސް ބައެއްގެ ނުފޫޒު އެދާއިރާއަށް ވަދެގެން ނުވާނެ، ދުނިޔޭގެ ކޮންމެ ނިޒާމެއް އަޅާކިޔައި ބެލިޔަސް އިިންސްޓިޓިއުޝަނަލް ސެޕަރޭޝަން އޮންނަން ޖެހޭ .އެތަނަކީ ޑިމޮކްރަސީއެއް ކަމަށް ވަންޏާ، މާނައަކީ ޝަރުއީ ނިޒާމުގެ ތެރެއަށް އެއްވެސް ގޮތަކަށް ގާނޫނު ހަދާ މަޖިލިސް ވަދެގެން ނުވާނެ، ވެރިކަންކުރާ ބާރު ވަދެގެން ނުވާނެ، އެގޮތަށް ނުވަދެވޭނެކަން ކަށަވަރުކުރުން، އެއީ މިއަދު ޝަރުއީ ނިޒާމު ހިންގަން ތިބި ފަނޑިޔާރުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް،" ޑރ. ޖަމީލު ވިދާޅުވިއެވެ.
ނަމަވެސް ޑރ. ޖަމީލު ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް އައިސްގެން ކުރި އެންމެ ބޮޑު އެއް މަސައްކަތަކީ، ޝަރުއީ ނިޒާމުގެ ތެރެޔަށް އަތް ބޭނުން، ކަމަށެވެ. ގާނޫނަށް ގެނައި ބަދަލުގެ ތެރެއިން ސީދާ ކޯޓުގެ ހިންގުމުގެ ބާރުގެ ތެރެޔަށް ސިޔާސީ ބާރު ވަދެފައިވާ ކަމަށާއި، އެބާރުގެ ވެރިޔަކަށް މިހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށްވެސް ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ، ފަނޑިޔާރަކު ކުރާ ހުކުމަކުން ނުވަތަ ޝަރީއަތް ބަލާ ގޮތަކުން ދުނިޔޭގެ އެއްވެސް ގައުމެއްގައި، ފަނޑިޔާރުން ވަކި ނުކުރާ ކަމަށެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ކުރިޔަށްދިޔައިރު، ހުކުމް ކުރަން ވަގުތު ކުޑަތަންވެފައި ވަނިކޮށް، ފަނޑިޔާރަށް ފިޔަވަޅު އަޅައި މަގާމުން ވަކިކޮށް، މުޅިން އާ ބެންޗެއް އެކުލަވާލައި ރައީސް ޔާމީންނަށް ހުކުމް ކޮށްފައިވާކަން ޖަމީލު ފާހަގަ ކުރެއްވިއެވެ.
ނަމަވެސް ޖަމީލު ވިދާޅުވީ، މަތީ ކޯޓުތަކަށް އިތުބާރު އެބައޮތް ކަމަށާއި، ހައިކޯޓުން މައްސަލަ ކުރިޔަށްގެންދާނީ ރަނގަޅަށް ކަމަށެވެ.
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު