ކޮވިޑް 19 އާ ގުޅިގެން ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަ ކުރުންތައް ފެބްރުއަރީ މަހު މެދު ކަނޑާލާފައި އޮތުމަށްފަހު އިއްޔެ ފަށައިފި އެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން ބުނީ ފަރިތަކުރުންތައް ކުރިޔަށްގެންދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޓީމްގެ ފަރިތަކުރުންތައް ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. މިދިޔަ މަހު ބޭއްވި އޮންލައިން ޕްރެސް ކޮންފަރެންސެއްގައި ގައުމީ ޓީމްގެ ސްކޮޑް އިއުލާން ކުރީ ގައުމީ ޓީމްގެ ކޯޗް ނެދަލޭންޑްސްގެ މާޓިން ކުޕްމަން އެވެ. މިއީ ޕްރެސްކޮންފަރެންސެއްގައި ސްކޮޑް އިއުލާން ކުރި ފުރަތަމަ ފަހަރެވެ.
ޓީމް އިއުލާނު ކުރުމަށްފަހު ވާހަކަ ދައްކަމުން ކޯޗް ކުޕްމަން ބުނީ ކުރިޔަށް ހުރި މެޗްތަކަށް ގައުމީ ޓީމުން ކޭމްޕް ކުރަންވެސް ބޭނުންވާ ކަމަށެވެ. ސަބަބަކީ ޗައިނާ އާ އެކު ކުޅެން ޖެހޭ މެޗަށް އޮކްޓޯބަރުގައި ދާއިރު ޗައިނާ ވަރަށް ފިނިވާނެ ކަމަށާއި، އެހެން ކަމުން އެކަމަށް ހޭނެން ޖެހޭނެ ކަމަށެވެ.
ކޯޗް ބުނީ ޗައިނާ މެޗުގެ ކުރިން ގަތަރާއި ސައުދީ ކަހަލަ ހޫނު ގައުމެއްގައި ކޭމްޕް ނުކުރާނެ ކަމަށާއި، ކޭމްޕް ކުރަން ބޭނުންވަނީ ޗައިނާ އާ އެއްވަރުގެ ޓެމްޕަރޭޗަރެއް އޮތް ގައުމެއްގައި ކަމަށެވެ. ކުރިޔަށް އޮތް ތިން މެޗަކީ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ތިން މެޗެވެ. އެންމެ ފުރަތަމަ ކުޅޭނީ ޗައިނާއާ ދެކޮޅަށް ކުޅޭ އަވޭ މެޗެވެ. މި މެޗުތައް އޮންނާނީ އޮކްޓޯބަރާއި ނޮވެމްބަރުގަ އެވެ. ޗައިނާއާ ދެކޮޅަށް ކުޅޭ އަވޭ މެޗަށް ފަރިތަކުރުންތައް ކުރިޔަށް ގެންދާ ޓީމުގައި ޖުމްލަ 32 ކުޅުންތެރިން ހިމެނެއެވެ.
އެގޮތުން މިފަހަރުގެ ގައުމީ ސްކޮޑްގައި ހިމެނޭ މާޒިޔާ ކުޅުންތެރިންނަކީ ސަމޫހް އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް، އާދަމް ނިޒާމް (ކިތްނާ)، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަދި މުޖްތާޒް މުހައްމަދު (މުޖޭ) އެވެ.
ޓީސީ ކުޅުންތެރިންގެ ތެރެއިން ހިމެނިފައިވަނީ އަލީ އަޝްފާގް (ދަގަނޑޭ)، އަކްރަމް އަބްދުލް ޣަނީ (އަކޫ)، އަހުމަދު ރިލްވާން، އިސްމާއިލް އީސާ (މެސީ)، އަލީ ޝާމިސް (ތޮއްޕޭ) އަދި އިބްރާހިމް އިޝާން (ސައްޓު)އެވެ.
ގްރީން ސްޓްރީޓްގެ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމުގައި ހިމެނުނީ މުހައްމަދު އާރިފް (ބަކާ)، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު އުމެއިރު، އިސްމާއިލް ޝަކޫރް، މުހައްމަދު ޝަރީފް (ޗެކް) އެވެ.
އީގަލްސްގެ ކުޅުންތެރިންގެ ތެރެއިން، އަހުމަދު ނޫމާން (ހެލްމެޓް)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނާޒިމް (ޓޯޗް)، ރިހާމް އަބްދުލް ޣަނީ (ބޮބީ)އެވެ.
ދަ ގްރާންޑޭގެ ކުޅުންތެރިންގެ ތެރެއިން ހިމެނުނީ ދެކުޅުންތެރިންނެވެ. އެއީ މުހައްމަދު ފައިސަލް (ގޯލް ކީޕަރު)، އާއި އަހުނަފް ރަޝީދު އެވެ.
މީގެ ތެރެއިން އަލީ ޝާމިސް އާއި އީގަލްސްގެ ރިހާމް އަބްދުލް ޣަނީ އަކީ މުޅިން އަލަށް ގައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނެވެ. ނަމަވެސް އެހެން ހުރިހާ ކުޅުންތެރިންނަކީ ފެބްރްއަރީގައި ފަރިތަކުރުންތައް މެދު ކަނޑާލިއިރުވެސް ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު