ފައިނަލް މެޗުގައި ލެވަކޫސަން އާ ބައްދަލު ކުރި މެޗް 4-2 އިން ކާމިޔާބުކޮށް ބަޔާން މިއުނިކް އިން 20 ވަނަ ފަހަރަށް ޖަރުމަންކަޕް ހޯދައިފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗްގެ 16 ވަނަ މިނެޓުގައި ބަޔާންގެ ޑޭވިޑް އަލަބާ އެވެ. އޭނާ މިލަނޑު ކާމިޔާބު ކުރިތާ އަށް މިނެޓް ފަހުން ބަޔާންއަށް ލީޑް ފުޅާކޮށްދިނީ ސާޖް ޖަރްނާބްރީ އެވެ. ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނަތީޖާ އަކުންވެ.

ދެވަނަ ހާފް ފެށިގެން މެޗްގެ 59 ވަނަ މިނެޓްގައި ބަޔާން އިން ޖެހި ތިންވަނަ ލަނޑަކީ އެޓީމުގެ ގޯލް ކީޕަރު މެނުވަލް ނޯޔާ އެޓީމުގެ ޕެނަލްޓީ އޭރިޔާ ބޭރުން ޖެހި ބޯޅަ އިދިކޮޅު ހާފްގެ މެދެއްހާ ހިސާބުން ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް ލިބުމުން ކޮންޓްރޯލްކޮށް ވަރަށް ބާރަށް ފޮނުވާލި ބޯޅަ ލެވަކޫސަންގެ ކީޕަރު ލޫކަސް، އެ ބޯޅަ މަތަކުރުމުގެ ތެރޭގައި އަތުން ދޫވެ ގޯލް ތެރެއަށް ވަދެގެން ކާމިޔާބު ކުރެވުނު ލަނޑެކެވެ.

އޭގެ ފަސްމިނެޓްފަހުން ލެވަކޫސަންގެ ފޯވާޑް ކެރެމް ޑެމާބޭ ދިން ބޯޅަޔަކުން ސްވެން ބެންޑާ ވަނީ ލެވަކޫސަންގެ ސުން ކަނޑުވާލައިފައެވެ. ލެވަކޫސަންއިން ލަނޑެއް ޖަހާފައި ވަނިކޮށް މެޗްގެ 89 ވަނަ މިނެޓުގައި ބަޔާނުން ވަނީ އަނެއްކާވެސް ލީޑު ފުޅާކޮށް ޗެމްޕިއަންކަން ކަށަވަރު ކުރުމާ ގާތަށް ޖެހިލައިފައެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮބަޓް ލެވަންޑްސްކީއެވެ. މިއީ އޭނާ މިސީޒަނުގައި ޖެހި 51 ގޯލެވެ.

ރޮބަޓް ލެވަންޑްސް ގޯލް ޖެހިތާ މާގިނައިރުތަކެއް ނުވެ އިތުރު ވަގުތުގައި ލަނޑެއް ޖަހައި ލެވަކޫސަން އިން ވަނީ ނަތީޖާ 4-2 އަކަށް ބަދަލުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކައި ހަވާޑްސް އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަކީވެސް ބަޔާން މިއުނިކެވެ.