ކޮވިޑު ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ގޭގައި މަސައްކަތް ކުރެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ޝަމީމް ވިދާޅުވީ، ބަލީގެ ނުރައްކާ ބޮޑު މުވައްޒަފުންނަށް އެޗްޕީއޭގެ ގައިޑްލައިންގެ ތެރެއިން ވަރަށް ރަނގަޅު ގޮތްތައް ހަމަޖެހިފައިވާ ކަމަށެވެ.

"ބަލީގެ ނުރައްކާ ބޮޑު މުވައްޒަފުންނަށް އެޗްޕީއޭގެ ގައިޑްލައިންގެ ތެރެއިން ވަނީ ވަރަށް ރަނގަޅު ގޮތްތައް ހަމަޖައްސަވާދެއްވާފައި. މިއާއެކު އަޅުގަނޑުމެންވެސް ވާނީ މިފަދަ ފަރާތްތަަކަށް ލުއިތައް ދިނުމުގެ ގޮތުން ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ނުވަތަ އެހެން ލުއިތައް ދޭން ނިންމާފައި،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، މުވައްޒަފުންގެ ހާލަތަށް ރިއާޔަތްކޮށް ލުއިތައް ދޭން ޖެހޭ މުވައްޒަފުން ނިންމާނީ އެ މުއައްސަސާއެއްގެ މަސްއޫލުވެރިޔާ ކަމަށާއި އެކަމުގައި ކަންބޮޑުވުމެއް އޮތްނަމަ އެ އޮފީހަކަށް ނުވަތަ މުއައްސަސާއަކަށް ކަންބޮޑުވުން ހުށަހެޅޭނެ ކަމަށެވެ. އަދި އެތަނުން ދޭ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ސީއެސްސީއަށް ވެސް ކަންބޮޑުވުން ހުށަހެޅޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ، ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭ މުވައްޒަފުންގެ ތެރޭގައި މާބަނޑު މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކާ މީހުންގެ އިތުރުން އުމުރުން 60 އަހަރުން މަތީގެ މީހުން ހިމެނޭ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ގޭގައި މަސައްކަތް ކުރެވޭނީ ދާއިމީ ބަލިތަކުގެ ތެރެއިންވެސް ބައެއް ކަހަލަގެ ބަލިތައް ހުންނަ މުވައްޒަފުންނަށް ކަމަށެވެ.

މާދަމާ ސަރުކާރުގެ އޮފީސްތައް ހުޅުވާލާއިރު އެޗްޕީއޭގެ ލަފައާއެކު ސީއެސްސީން ވަނީ މުވައްޒަފުންނާއި ހިދުމަތް ހޯދާ މީހުން އަމަލު ކުރަން ޖެހޭނެ އުސޫލެއް ކަނޑައަޅަފައެވެ.