ސަރުކާރު އޮފީސްތައް މާދަމާ ހުޅުވާއިރު މުވައްޒަފުންގެ ރައްކާތެރިކަން ވަނީ 100 ޕަސަންޓް ކަށަވަރުކުރެވިފައި ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއެސްސީގެ ރައީސް އަލީ ޝަމީމް ވިދާޅުވީ، ސަރުކާރުގެ އޮފީސްތައް މާދަމާ ހުޅުވާލާއިރު، މުވައްޒަފުންނާއި ހިދުމަތް ހޯދަން އަންނަ މީހުން އަމަލުކުރަން ޖެހޭނެ ހާއްސަ އުސޫލެއް އެޗްޕީއޭގެ އިރުޝާދާއެކު، ސީއެސްސީން އެކުލަވާލައި ހުރިހާ ސިވިސް ސާވިސް އިދާރާއަކަށް ފޮނުވާފައިވާ ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެން މިތިބީ ތައްޔާރުވެފައި. އަޅުގަނޑުމެން މި އުންމީދުކުރަނީ ވަރަށް އޮމާން، އަމާންކަމާއެކީގައި ސިވިސް ސާވިސް އިދާރާތަކުގެ ހިދުމަތް މާދަމާއިން ފެށިގެން ދެވެމުން ގެންދެވޭނެ. އަދި މުވައްޒަފުންގެ ރައްކާތެރިކަން ގާތްގަނޑަކަށް 100 ޕަސަންޓް ވަނީ ކަށަވަރު ކުރެވިފައި،" ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ ސީއެސްސީގެ ގައިޑްލައިނަށް އަންނަ ބަދަލުކޮށް ސިވިސް ސާވިސް މަސްއޫލުވެރިން ބަލައި ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށެވެ. ގައިޑްލައިނެއް އެކުލަވާލި ނަމަވެސް އިދާރީ ގޮތުން ސާފުކުރަން ޖެހޭ ބައެއް ކަންކަން ހުންނާނެ ކަމަށާއި އެކަންކަމާ ބެހޭ މައުލޫމާތުވެސް ކޮންމެ ސިވިސް ސާވިސް އިދާރާއެއްގެ ވެރިންނަށް ކިޔައިދީ އޮޅުންފިލުވައިދީފައިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ސަރުކާރުގެ އޮފީސްތަކުން އަމަލުކުރަން ޖެހޭނެ އުސޫލު އާންމުކޮށްފައިވާ އިރު، އެ އުސޫލުގައި ވަނީ އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ބާރު އަޅައިފައެވެ. އަދި އޮފީސް ހުޅުވާފައި ހުންނާނެ ގަޑިތައް ވަނީ މަދުކޮށްފައެވެ.