ޖަރުމަނުގެ ލިޕްޒިގު ޔުނިވާސިޓީގެ އިންޓަނޭޝަނަލް ކޯޗިން ކޯސް (އައިސީސީ)ގެ އެމްބެސަޑަރަކަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ޒުވާން ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ހަމަޖެހިގެން ދިޔުމުން އެކަމުގެ ފައިދާ ރާއްޖޭގެ ގިނަ ކުޅިވަރުތަކަށް ކުރާނެ ކަމަށް ޝާކިއްޓޭ ބުނެފިއެވެ.

"ވަން" އަށް ދިން އިންޓަވިއު އެއްގައި ޝާކިއްޓޭ ބުނީ އައިސީސީގެ އެމްބެސަޑަރަކަށް ވުމުން އެކަމުގެ ފައިދާ ކުރާނީ ހަމަ އެކަނި ފުޓުބޯޅަ އާއިލާ އަށް ނޫން ކަމަށާއި އެޔުނިވާސިޓީން ހިންގާ ހުރިހާ ކުޅިވަރުތަކުގެ ކޯސްތަކުން ރާއްޖޭގެ އެތްލީޓުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ ޔުނިވާސިޓީން ހިންގާ ބައެއް ކޯސްތަކުގެ ތެރޭގައި ވޮލީ، ހެންޑްބޯލް، ސްވިމިން، ޖިމްނާސްޓިކް ފަދަ ގިނަ ކުޅިވަރުތައް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

ކޯސްތަކުގެ އިތުރުން އެ ޔުނިވާސިޓީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އިވެންޓުތަކުން ރާއްޖޭގެ ކުޅުންތެރިންނަށް ފުރުސަތު ލިބުމުގެ މަގު ފަހި ކޮށްދެވޭނެ ކަމަށް ޝާކިއްޓޭ ބުންޏެވެ. އޭގެ އިތުރުން ރާއްޖޭގައި އެ ޔުނިވާސިޓީގެ ކޯސްތައް ހިންގުމާއި އިވެންޓްތައް ބޭއްވުމަށް ވެސް އޭނާއަށް އެހީތެރި ވެވޭނެ ކަމަށެވެ. މި މަގާމު ދެމި އޮންނާނީ އެއް އަހަރުގެ މުއްދަތަކަށެވެ.

ޝާކިއްޓޭ ބުނީ ޖަރުމަނުގެ އެސޯސިއޭޝަންތަކާއި ގުޅިގެން ލިޕްޒިގު ޔުނިވާސިޓީ ހިންގާ ކޯސްތަކުގައި ބައިވެރިވާ އެތުލީޓުން ހަމަޖައްސަން ޖެހޭނީ ހަމައެކަނި ޓިކެޓް ކަމަށާއި އެހެން ހުރިހާ ހަރަދެއް ހަމަޖައްސައިދޭނީ އެ ޔުނިވާސިޓީން ކަމަށެވެ. އޭގެ އިތުރަށް ޕޮކެޓް މަނީވެސް އެ ޔުނިވާސިޓީގެ ފަރާތުން ދޭނެ ކަމަށެވެ.

ޝާކިއްޓޭ ވަނީ 2014 ވަނަ އަހަރުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިޕްޒިގު ޔުނިވަސިޓީން އައިސީސީ އިން ޑިޕްލޮމާ އިން ފުޓްބޯލް ކޯސް ފުރިހަމަކޮށްފަ އެވެ. ޝާކިއްޓޭ 2014 ވަނަ އަހަރު މި ކޯސް ފުރިހަމަ ކުރިއިރު، އޭނާ އަކީ މި ކޯހުގައި ބައިވެރިވި މަދު ދިވެހި ކޯޗުންގެ ތެރެއިން އެކަކެވެ. މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޖަރުމަނުގެ ފުޓްބޯޅައިގެ މައި އިދާރާ ޑީއެފްބީ އިން ގަބޫލުކުރާ އޭ ލެވަލްގެ ސެޓްފިކެޓެއް ދެ އެވެ.

ޝާކިއްޓޭ ވަނީ އީގަލްސްއަށް 10 އަހަރު ކުޅެ 17 އަހަރު ވަންދެން މަސައްކަތްކޮށް ދީފައެވެ. ޔޫތު ޓީމުގެ ކޯޗެއްގެ ގޮތުގައި އެ ކްލަބަށް ޔޫތު މުބާރާތުގެ ތަށި މިލްކުކޮށްދީ 2015 ވަނަ އަހަރު އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދިއިރު، ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ޝާކިއްޓޭ ހުއްޓެވެ.

މީގެ ދެ އަހަރު ކުރިން ރަސްމީކޮށް އެފްއޭއެމްގެ ކޯޗިން ޓީމާ ޝާކިއްޓެ ގުޅި 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީމުގެ މަސައްކަތްތައް ޝާކިއްޓޭވަނީ ކޮށްފައެވެ. 2018 ވަނަ އަހަރުގެ މާޗް މަހު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އޭނާ ހަމަޖެއްސިއެވެ. ގައުމީ ޓީމުން 10 އަހަރު ފަހުން 2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ތަށި އުފުލާލި ޓީމުގައި ޝާކިއްޓެ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.