ބ. ތުޅާދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންތަކެއް އިހްތިޖާޖްކޮށް، އެރަށުގައި މަސައްކަތްކުރާ ދިވެހިންތަކެއް ރަހީނުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ބަލަން ނިންމައިފިއެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރާ 200 އެއްހާ ބިދޭސީން ރުޅިވެރިކަން ބޮޑުވެ، ހަމަނުޖެހުން ހިންގާ އެރަށުގައި ތިބި 12 ދިވެހިން ރަހީނުކުރީ އެތައް މަސްތަކެއް ވަންދެން މުސާރަ ނުދީ އެމީހުން ލައްވައި މަސައްކަތް ކުރުވުމުންނެވެ. ނަމަވެސް ފުލުހުންގެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރަހީނުކުރި ދިވެހިން ސަލާމަތްކޮށް، އެރަށުން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑު ފިނޮޅުގައި ހިނގައިދިޔަ ކަންކަން، ދެން އެންމެ އަވަހަށް ބާއްވާ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަމަށެވެ.

"ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަކީ މިކޮމިޓީން ވަރަށް ބޮޑު އިސްކަމެއްދީގެން ބަލަމުން އަންނަ މައްސަލައެއް. އަދި ކޮޅެއް މެދެއް ފެންނަވަރެއް ނުވޭ،" އުޝާމް ވިދާޅުވިއެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި އެރަށުގެ ބައެއް ތަންތަނަށާއި ވެހިކަލްތަކަށް ގެއްލުންދިނީ އެރަށުގައި ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވާ ރިޒް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީ މުވައްޒަފުންނެވެ. ރިޒް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏެކެވެ.

އެތަނުގެ މުވައްޒަފުންނަށް މުސާރަ ނުދެވެނީ ސީލް އިން ޕޭމަންޓްތައް ނުދީގެން ކަމަށް ބުނެ އެމައްސަލަ ރިޒް މޯލްޑިވްސް އަޅުވަމުން އަންނަނީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގައެވެ. ނަމަވެސް އެކުންފުނި ތަމްސީލުކުރާ ވަކީލުންގެ ޓީމުން ބުނީ، ރިޒް މޯލްޑިވްސް އަށް ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ވެސް ފައިސާ ދީފައިވާނެ ކަމަށާއި އެހެންކަމުން މުސާރަ ނުދެވެންވީ ސަބަބެއް ނެތް ކަމަށެވެ.