ޖިސްމާނީ ގޮތުންވެސް ނަފްސާނީ ގޮތުންވެސް އަންހެން މީހާއަށް އަނިޔާކުރުން ހުއްދަ ވެގެން ނުވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވާ ރައްކާތެރިކަން"، މި މައުލޫއަށް މިއަދުގެ ހުކުރު ހުތުބާގައި ވާހަކަ ދައްކާފައިވާއިރު، ހުތުބާގައި ބުނީ، މާތްﷲ ވަނީ އަންހެނެއް ފިރިހެނެއް ތަފާތުކުރުމެއް ނެތި އިންސާނުން މަތިވެރިކުރައްވާފައި ކަމަށެވެ. ނަމަވެސް ޖާހިލިއްޔަ ޒަމާނުގައި އަންހެން ކުއްޖަކު ލިބިއްޖެނަމަ ހިތާމައާއި ހިތްދަތިކަމާ ކުރިމަތިލާންޖެހުނީ ކަމަށް ގަބޫލުކޮށް، އެ މައުސޫމް ކުދިން ދިރިތިއްބައި ވަޅުލަމުން ގެންދިޔަ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
މިކަން ބަޔާންކުރައްވައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އަދި އެއިން މީހަކަށް އަންހެން ދަރިއެއް ލިބިއްޖެކަމުގެ ހަބަރު ދެވިއްޖެނަމަ، އެ މީހެއްގެ މޫނު އަނދިރިވެގެން ދެއެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ ހާލުގައެވެ. އެމީހާއަށް ދެވުނު ހަބަރުގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީ އޭނާ އެކުއްޖާ ގެންގުޅޭނީ ބާއެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެކުއްޖާ ކޮށްޕާލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެން ކުރާ ހުކުމް ހާދަހާ ނުބައިވެގެންވެއެވެ."
މީގެ އިތުރުން އެ ދަރީންނަށް ކާންބޯންދޭން ނުލިބިދާނެ ކަމަށް ހީކޮށްވެސް އެކުދިން މަރަމުން ގެންދިޔަ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އަދި ފަގީރުވެދާނެތީ ބިރުން ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި، އަދި ތިޔަބައިމީހުންނަށް ރިޒްގު ދެއްވަނީ ތިމަން ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެ ދަރީން މެރުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައި ވިއެވެ."
ހުތުބާގައި ބުނީ އިސްލާމްދީނުގައި އަންހެން ކުދިންނަށް ދިރިއުޅުމުގެ ހައްގު ފިރިހެން ކުދިންނާ ތަފާތު ކުރުމެއް ނެތި ދެވިގެން ދިޔަ ކަމަށާއި އެގޮތުން އިސްލާމްދީނުގައި ތަރުބިއްޔަތު ދިނުމާއި އޯގާވެރިވުމުގައި އަންހެނެއް ފިރިހެނެއް ތަފާތު ނުކުރާ ކަމަށެވެ. އަދި އަންހެނުންނަށް އޯގާތެރިވުމަށް އިސްލާމްދީން ބާރުއަޅާކަމުގައިވެސް ހުތުބާގައި ބުނެފައި ވެއެވެ.
ރަސޫލާ މުހައްމަދުއް ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އަންހެން ދަރީން ލިބި، އެދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކޮށްފި މީހަކަށް، ނަރަކައިން ރައްކާތެރިވުމެއްކަމުގައި އެދަރީން ވެއެވެ"
މީގެ އިތުރުން ހުތުބާގައި ބުނީ، އަންހެނުންނަށް އަނިޔާވެރިވުމަކީ އެއްވެސް ހާލެއްގައި އިސްލާމްދީން ބާރު އަޅާ ކަމެއް ނޫން ކަމަށާއި އެހެންކަމުން އަންހެން މީހާއަށް އަނިޔާވެރިވުން ހުއްދަވެގެން ނުވާ ކަމަށެވެ. އަދި އެކަނބަލުން ރައްކާތެރިކޮށް ހިމާޔަތް ދިނުމަށް އިސްލާމްދީން ބާރު އަޅާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
"އަންހެނުންނަކީ ވަރަށް ބޮޑު އަމާނާތެކެވެ. ޖިންމާނީ ގޮތުން ވިޔަސް ނަފްސާނީ ގޮތުން ވިޔަސް އަންހެން މީހާއަށް އަނިޔާ ކުރުން ހުއްދަވެގެނެއް ނުވެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.
އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ރަސޫލާ މުހައްމަދުއް ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވި ކަމަށް އަބޫ ހުރައިރާގެ ކިބައިން އަލްބުހާރީ ރިވާކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"ތިޔަބައިމީހުން އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިމަން ކަލޭގެފާނު ވަސިއްޔަތް ކުރައްވަމެވެ."
ހުތުބާގައި ބުނީ ކައިވެންޏަކީ އަންހެން ކުއްޖެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ނިންމުން ކަމަށާއި އެހެންކަމުން އަންހެން ކުދިން ނުރުހޭ މީހަކާ މަޖުބޫރުން ކައިވެނިކުރުވުން އިސްލާމް ދީނުގައި ހުއްދަވެގެން ނުވާ ކަމަށެވެ. އަދި ފިރިމީހާ އަނބިމީހާއަށް އަނިޔާވެރިވުން ނަހީކުރާ ކަމަށާއި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅެވެން ނެތްނަމަ، އެކަނބަލުން ހެޔޮ ގޮތުގައި ދޫކޮށްލުމަށްވެސް އިސްލާމްދީނުގައި އަމުރުކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އަނިބީހާގެ ހުއްދަ ނެތި އަނބިމީހާގެ މުދާ ފިރިމީހާ ބޭނުންކުރުން ހުއްދަވެގެން ނުވާ ކަމުގައި ހުތުބާގައި ބުނެފައި ވެއެވެ. އެއީ އަނބިމީހާއަށް ކިތަންމެ ގިނަ ފައިސާއެއް ލިބުނަސްވެހެވެ.
ހުތުބާ ނިންމާލަމުން ވަނީ އަންހެނުންނަށް އަނިޔާވެރި ނުވުމަށް ވަސިއްޔަތް ކޮށްފައެވެ. އަދި އެކަނބަލުންނަށް އިހްސާންތެރިވުމަށް ވެސް ހުތުބާގައި ވަސިއްޔަތްކުރިއެވެ.
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ