ބ. ބޮޑުފުށިން އަފާފް އަލީ ރަމީޒް

ބ. ބޮޑުފިނޮޅަށް ފުލުހުން އަރައި، ރަހީނުކޮށްފައި ތިބި ހުރިހާ ދިވެހީން ސަލާމަތްކޮށްފިއެވެ. އެއީ 12 ދިވެހީންނެވެ.

ފުލުހުން ފުރަތަމަ ދިން މައުލޫމާތުގައި ބުނެފައިވަނީ އެރަށުގައި ތިބީ ދިވެހި 15 މުވައްޒަފުން ކަމަށެވެ. ނަމަވެސް ފުލުހުން ފަހުން ބުނީ، އެރަށަށް ފުލުހުން ގޮސް ބެލި ބެލުމުން އެ ތަނުގައި ފުރަތަމަ ބަންދުވެފައި ތިބީ 13 ދިވެހިންކަން އެނގިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު މޫދަށް ފުންމާލައިގެން އުޅެނިކޮށް ފުލުހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން އެރަށަށް އަރައި ސަލާމަތްކުރި 12 މީހުންގެ ހާލު ވެސް ރަނގަޅެވެ. ސަލާމަތްކުރި މީހުން މިވަގުތު ތިބީ ފުލުހުންގެ ހިމާޔަތުގައެވެ.

ފުލުހުން ރަށު ތެރެއަށް އެރުމާއެކު ބިދޭސީންގެ ތެރެއިން ބައެއް މީހުން ވަނީ ޖެޓީއާ ދިމާއަށް ނުކުމެފައެވެ. އެއްވެސް މީހަކު އެއްވެސް ހަމަނުޖެހުމެއް ހިންގައިފައެއް ނުވެއެވެ. މީހުން ތިބި ތަނާއި ރަށުގެ އެކި ތަންތަން ބަލައި ފާސްކޮށް ހުރިހާ ބިދޭސިން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމިއްލައަށް ޖެޓީ ކައިރިއަށް ނުކުތީ ރަށުގައި ތިބި 22 ބިދޭސީއެކެވެ. އެ ބިދޭސީންނަކީ ދިވެހިން ރަހީނުކުރުމުގެ ހަރަކާތުގައި ބައިވެރިވި ބައެއްތޯ "ވަން" އިން ސުވާލުކުރުމުން ފުލުހުން ބުނީ އެމީހުންނަކީ ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި ބައެއް ނޫން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެމީހުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ސުލްހަވެރިކަމާއެކު މަައްސަލަ ހައްލުކުރުމަށް ފުލުހުންނަށް އެއްބާރުލުން ދޭން އެމީހުން އެއްބަސްވެފައިވާ ކަމަށާއި އެމީހުން އަމަލުކުރަމުންގެންދަނީ ފުލުހުން އަންގާ ގޮތުގެ މަތިން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެއްވެސް ބަޔަކު ފިލުން ފަދަ ކަމެއް ނުހިނގާ ކަމަށާއި ދިވެހިން ރަހީނުކުރި ބިދޭސީން ފުލުހުންގެ ކޮންޓްރޯލަށް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ބޮޑުފިނޮޅު ސައިޓުގައި ހުރި ވެހިކަލް އަދި މުދަލަށް ހުރީ ވަރަށް ބޮޑެތި ގެއްލުންތައް ދީފައެވެ. އަދި ރަށުގެ ބަނދަރުމަތީގައި ގާފުނިތަކާއި ލަޓިބުރިތަކާއި ދަގަނޑުބުރިތައް ހުރިއިރު، ފުލުހުން ފުރަތަމަ މިރަށަށް އަރަން އުޅުމުން ބިދޭސީން ރޭ ވަނީ އެތަކެތި ފުލުހުންނާ ދިމާއަށް އުކައިފައެވެ.

ފުލުހުން ބުނީ ދިވެހީން ރަހީނުކުރި ހުރިހާ ބިދޭސީން ވެސް މި ވަގުތު ތިބީ ފުލުހުންގެ ކޮންޓްރޯލުގައި ކަމަށާއި ރަށްވެސް އޮތީ ފުލުހުންގެ ކޮންޓްރޯލުގައި ކަމަށެވެ.

ފުލުހުން ބިދޭސީން މަޝްވަރާކުރަމުން އަންނަ އިރު، ބަންގްލަދޭޝް ހައިކޮމިޝަނުގެ ބޭފުޅުން ވެސް މި ފުލުހުންނާ އެކު މި ރަށަށް ދަތުރުކުރި އެވެ. ބޮޑު ފިނޮޅުގައި ތިބި ބިދޭސީން އެ ރަށުން ބާލާނީ ކޮން އިރަކު ކަމެއް އަދި ދެން ގެންދާނީ ކޮން ތަނަކަށް ކަމެއް ވެސް ފުލުހުން އަދި ނުބުނެ އެވެ.

ފުލުހުންގެ މީޑިއާ އިން ދާދި ދެންމެ "ވަން" އަށް ބުނީ އެރަށުގައި ތިބި ފުލުހުންގެ ތެރެއިން ގިނަ ބަޔަކު ރަށުން ފައިބައިފައިވާ ކަމަށާއި މިހާރު ބޮޑުފިނޮޅުގައި ތިބީ ތަހުގީގު ޓީމު ކަމަށެވެ. އޭގެ ތެރޭގައި ވެސް ގިނަ އަދަދަކަށް ހިމެނެނީ ފޮރެންސިކް ފުލުހުންނެވެ.

އެގޮތުން މި ރަށުގައި ތިބި ބިދޭސީން އެކި ބައި ބަޔަށް ބަހައި އެމީހުން ބައިތިއްބާފައި ވަނީ އެކި ތަންތަނުގައެވެ. އެއިން ކޮންމެ ގުރޫޕެއްގެ ކައިރީގައި ވެސް ފުލުހުން އެބަތިއްބެވެ. ބިދޭސީންގެ ފުށުން ވެސް މި ވަގުތު ނުރުހުމުގެ އަމަލެއް ނުވަތަ ރުޅިވެރިކަމުގެ އަމަލެއް ނުވަތަ ބަސްތަކެއް ވެސް ނުފެނެ އެވެ.

މިހާރު ފުލުހުން ވަނީ މި މީހުންގެ ތެރެއިން ހަމަނުޖެހުން ހިންގުމުގައި ބޮޑަށް ބައިވެރިވި ކަމަށް ފާހަގަވާ 19 މީހަކު ތުޅާދޫއަށް ގެންގޮސްފަ އެވެ.