ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބު ބާއްވައި ރައީސްކަމަށް ބައްސާމް އަދީލް ޖަލީލް އިންތިހާބު ކޮށްފިއެވެ.
ޔޫތު މިނިސްޓްރީން އިންތިހާބު ފަސްކޮށްދިނުމަށް އެދިފައިވަނިކޮށް އެފްއޭއެމްގެ އިންތިހާބު މިއަދު ބާއްވައި ދެވަނަ ދައުރަކަށް އެ އެސޯސިއޭޝަންގެ ރައީސްކަމަށް ބައްސާމް ވަނީ ހޮވައިފައެވެ. އިންތިހާބަށް ކުރިމަތިލާފައިވަނީ ވެސް ހަމައެކަނި ބައްސާމެވެ.
މިއަދުގެ ކޮންގްރެސްގައި ވަނީ އަސާސީ ގަވައިދަށް އިސްލާހެއް ހުށަހަޅައި، އެ އިސްލާހު ފާސްކޮށްފައެވެ. އެ އިސްލާހަކީ އިންތިހާބަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާ ހާލަތެއްގައި، އެއްވެސް ކްލަބަކުން އިއުތިރާޒު ނުކުރާ ނަމަ، ވޯޓަކާ ނުލައި މަގާމަށް އިންތިހާބުވާ ގޮތަށެވެ. އެހެންކަމުން އެއްވެސް ކްލަބަކުން އިއުތިރާޒުކޮށްފައިނުވާތީ، ވޯޓަކާ ނުލައި ބައްސާމް ވަނީ އެ މަގާމަށް އިންތިހާބުވެފައެވެ.
މި ކޮންގްރެސްގައި ބައިވެރިވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު، ކްލަބު އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބު، ކްލަބު ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓަރީ، ދަ ގްރާންޑޭ، ކްލަބު ޕީކޭ، ޖޭޖޭ ސްޕޯޓްސް، މަހިބަދޫ ސްޕޯޓްސް ކްލަބު، ކުޑަހެންވޭރު ޔުނައިޓެޑް، ރެޑްލައިން ސްޕޯޓްސް ކްލަބް އަދި ކްލަބު ވެލެންސިއާއެވެ.
މިއަދު ބޭއްވި ކޮންގްރެސް ކުރިއަށްގެންދިޔައީ މީޑިއާއަށް ދައުވަތު ނުދީއެވެ. ކޮންގްރެސް އޮންނަ ތަނާއި ގަޑި އޮޅުންފިލުވުމަށް ކުރިން "ވަން" އިން ގުޅުމުން އެފްއޭއެމްއިން ބުނެފައިވަނީ ކޮންގްރެސް ބާއްވާ ތަނާއި ގަޑި ފައިނަލް ނުވާ ކަމަށެވެ. ނަމަވެސް ދައުވަތު ދެވިފައިނުވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލާ ގުޅިގެން ކަމަށް ކޮންގްރެސް ފެށި ފަހުން އެފްއޭއެމުން ވަނީ ބުނެފައެވެ.
އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް ހޮވުމާއެކު އޭނާގެ އެގްޒެކެޓިވް ކޮމިޓީ ވެސް ވަނީ މަގާމުތަކަށް ހޮވިފައެވެ. ސީނިއާ ނައިބު ރައީސަކަށް ހޮވުނީ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ. ނައިބު ރައީސަކަށް ހޮވުނީ އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެންބަރު އަދި މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އެވެ. އެގްޒެކެޓިވް ކޮމިޓީގެ އާންމު މެންބަރުންގެ މަގާމުތަކަށް ހޮވުނީ މިހާރުގެ ސީނިއާ ނައިބު ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެންބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އައިމިނަތު ޝާނީޒާއި މުހައްމަދު ޝިފާއުއެވެ.
ޔޫތު މިނިސްޓްރީން އެފްއޭއެމްގެ އިންތިހާބު ފަސްކޮށްދިނުމަށް އެދުނީ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި އެފްއޭއެމްއާ ގުޅޭ ގަރާރު އިޖުތިމާއީ ކޮމިޓީން ދިރާސާކުރަމުން ދާތީވެ، އެކަން ނިމެންދެން އެފްއޭއެމްގެ އިންތިހާބު ފަސްކޮށްދޭން މިނިސްޓްރީގައި އެ ކޮމިޓީން އެދިފައިވާތީއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު