މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނާއި ކޮރަޕްޝަނާއި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނާ ބައްދަލުކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ސަބް ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

މިއަދު މެންދުރު 2:00 ގައި ބޭއްވި ސަބް ކޮމިޓީގެ ބައްދަލުވުމުން ސިއްރުކޮށްފައިވާކަން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

މިއީ ފުލުހުންގެ ބިލާ ގުޅޭގޮތުން 241 ކޮމިޓީން ބޭއްވި 11 ވަނަ ބައްދަލުވުމެވެ. މިއަދު އެ ބިލާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލައް ސިޓީ ކައުންސިލާ ވެސް އެ ކޮމިޓީން ބައްދަލުކުރާ ގޮތަށް ވަނީ ނިންމައިފައެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ސަބް ކޮމިޓީން އިއްޔެ ވަނީ ފުލުހުންގެ ބިލާ ގުޅޭގޮތުން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި މޯލްޑިވްސް ކަސްޓަމްސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ ބޭފުޅުންނާ ވެސް ބައްދަލުކޮށްފައެވެ.

އޭގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެންޓި ކޮރަޕްޝަން ކޮމިޝާން (އޭސީސީ)އާ ވެސް މަޝްވަރާ ކޮށްފައި ވެއެވެ.

ފުލުހުންގެ ބިލާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކާ ބައްދަލުކޮށް މަޝްވަރާ ކުރަމުން އަންނައިރު ފުލުހުންގެ ބިލަށް ހިޔާލު ހޯދުމަށް އާންމުންނަށް ހުޅުވާލައިގެން ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވެސް ބައްދަލުވުމެއް ބާއްވައިފައެވެ.