ނަމާދުގެ ރަކުއަތްތައް މަދުކުރުމާ ގުޅޭގޮތުން ޓުވީޓެއް ކުރައްވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ރަސްމީ ޓުވިޓާ އެކައުންޓުން އިއްޔެ ކުރައްވާފައިވާ ޓުވީޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުން އަންނަ ފޮޓޯއެއްގައި ރައީސް ނަޝީދު ވިދާޅުވި ކަމަށް ލިޔެފައިވަނީ ބައެއް ނަމާދުތަކުގެ ރަކުއަތްތައް މަދުކޮށްލުމުން ވެސް ސަރުކާރުގެ ގަވާއިދުގެ ތެރެއިން ނަމާދު ކުރެވިދާނެ ކަމަށާއި އެއްވެސް ނަމާދެއް ހަތް މިނެޓަށްވުރެ ދިގު ނުވާނެހެން ކުރުން މިވަގުތު މުހިންމު ކަމަށެވެ.
ނަމަވެސް އެކަން ދޮގު ކުރައްވައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ އެމަނިކުފާނު ކުރައްވާފައިވާނޭ ޓުވީޓެއް ނޫން ކަމަށާއި އެކަން ބެލުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ހުށަހަޅުއްވާނެ ކަމަށެވެ.
ނަމާދުގެ ރަކުއަތްތައް މަދުކުރުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޓުވީޓުތަކެއް ދައުރު ކުރަމުން އަންނައިރު މާލެ ސަރަހައްދަށް އިއުލާންކޮށްފައި އޮތް ލޮކްޑައުންއަށް ލުއި ދިނުމުގެ ތިން ވަނަ މަރުހަލާގެ ދަށުން އިއްޔެގެ މަޣްރިބް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ވަނީ ދީފައެވެ.
ނަމަވެސް އެއްވެސް ނަމާދެއް ހަތް މިނެޓަށްވުރެ ދިގު ނުކުރުމަށާއި ކުރު ސޫރަތްތައް ކިޔެވުމަށް އަދި ބަންގިއަށްފަހު ފަސް މިނެޓް ތެރޭގައި ގަމަތްދީ ނަމާދު ފެށުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު