ރައްތިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފުޓުބޯޅަ އެސޯސިއޭޝަން އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ އާޒިމްގެ އަމިއްލަ މަސްލަހަތު ހިމެނޭ، ހަގީގަތާ ހިލާފު ގަރާރެއް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ބުނެފިއެވެ.
މާޒިޔާ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އާޒިމް އަކީ ވާދަވެރި ކުލަބެއްގެ ކުރީގެ ޗެއާމަނަށް ވެފައި، އެކުލަބަށް މިވަގުތު ދިމާވެފައިވާ ހާލަތުގެ ސަބަބުން، އަމިއްލަ މަސްލަހަތު އިސްކޮށް ޒާތީ ގޮތުން ފުޓުބޯޅަ އެސޯސިއޭޝަނާއި އެހެން ކްލަބުތަކާއި މުޅި ފުޓުބޯޅަ އާއިލާތަކަށް ގެއްލުންވާނެ ކަމަށް ގަބޫލު ކުރުމުގެ ޖާގަ އެބައޮތެވެ. އަދި އެގަރާރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކަށް ބިނާކޮށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ދެކޭ ކަމަށް ވެސް މާޒިޔާ އިން ވަނީ ބުނެފައެވެ.
މާޒިޔާ އިން އިތުރަށް ބުނެފައިވަނީ މި ގަރާރަކީ މި ދަނޑިވަޅުގައި ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށް ދިވެހި ސަރުކާރާއި އެފްއޭއެމް ގުޅިގެން މަސައްކަތް ކުރެވޭ ވަގުތެއްގައި، މަސައްކަތްތަކަށް ހުރަސް އަޅައި، ފުޓުބޯޅައިގެ ތެރެޔަށް ސިޔާސީ ނުފޫޒު ވެއްދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް އެކުލަބުން ދެކޭ ކަމަށެވެ. އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ވެސް މާޒިޔާ އިން ވަނީ ބުނެފައެވެ.
އަލީ އާޒިމް ހުށަހެޅުއްވި މައްސަލައިިގައި ބުނެފައިވަނީ މިއީ ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތައް، އެސޯސިއޭޝަންތައް އަދި ފެޑަރޭޝަންތައް ރެގިއުލޭޓްކޮށް ގާނޫނުން މަތިކޮށްފައިވާ މައްސޫލިއްޔަތުތައް އަދާކުރުމަށް މަތިކޮށްފައިވާ ފަރާތްތަކުން އެކަން ފުރިހަމަ ގޮތުގައި އަދާ ނުކުރާތީ ހުށަހަޅާ މައްސަލައެއް ކަމަށެވެ. މި ގަރާރުގެ މަގުސަދަކީ ކުޅިވަރުގެ ހުރިހާ ފެންވަރެއްގައި ހިންގޭ ހަރަކާތްތަކުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ މީހުންނަށް ބައިވެރި ވެވޭ ހަރަކާތްތަކެއްކަން ކަށަވަރުކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުން ކަމަށެވެ.
އެފްއޭއެމްގެ ރައީސްކަންވެސް ކުރީން ކުރެއްވި، އަލީ އާޒިމް ހަ ނުކުތާއެއް ފާހަގަކުރައްވައި، ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އެފްއޭއެމް ހިންގަމުންދަނީ އެ އެސޯސިއޭޝަނުގެ ހިންގާ ގަވައިދާއި، ދިވެހި ކުޅިވަރު ގާނޫނު އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވައިދާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ގަވައިދުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީއަށް އެންގުމަށާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ފަހު ނޫނީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެންގުމަށް ވަނީ އެދިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު