ކޮފީތަކަށް ގޮސް މާސްކު ނާޅައި ތިބޭ ތަން އެބަ ފެންނަ ކަމަށާއި މިހެންވާން ވެއްޖެނަމަ ބަލި ފެތުރެން ފަށައިފާނެ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި އެ ސެންޓަރުގެ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ވިދާޅުވީ، ލޮކްޑައުނަށް ބޮޑެތި ލުއިތައް ދިންނަމަވެސް ބައެއް އާންމުންގެ ފަރާތުން ވަރަށް ހިތާމަހުރި މަންޒަރުތައް ފެންނަމުންދާ ކަމަށެވެ.

އެގޮތުން މާސްކް އަޅަންވާ ގޮތަށް ނާޅާ މައްސަލަ ދިމާވާ ކަމަށާއި ކޮފީތަކަށް ގޮސް މާސްކު ނާޅައި ތިބޭ ތަން ފެންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ރައްޓެހިންނާ ވާހަކަ ދައްކާއިރުވެސް މާސްކް ނަގައިގެން ތިބޭ މަންޒަރު ފެންނަ ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތާނގައިވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ. އަޅުގަނޑުމެންގެ ތެރެއިން ކޭސްތައް އެއްކޮށް މަދުވެގެން ދިޔައީއެއް ނޫން. ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކުރެވޭނީ އެންމެންވެސް އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްގެން. ބައެއް ފަހަރު ކޮށްފައި ބައެއްފަހަރު ނުކުރީމަކާ އޭގެ އަސްލު ހަގީގީ ފައިދާއެއް ނުލިބޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އަންދާޒާ ކުރި މިންވަރާ ހިލާފަށް ބަލި ފެތުރުން ކޮންޓްރޯލް ކުރެވުނީ އެޗްޕީއޭއާއި ސަރުކާރުގެ ފިޔަވަޅުތަކާ އެއްގޮތަށް ރައްޔިތުން އަމަލުކުރުމުން ކަމަށާއި ކޮވިޑުގެ ކަންކަމުގައި ރައްޔިތުން ދިން އެއްބާރުލުމުގެ ބޮޑު ކަމުން ކަމަށެވެ.