ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސޭފް ލިސްޓަށް މި މަސް ނިމުމުގެ ކުރިން ރާއްޖެ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ބަންދުކޮށްފައިވާ އީޔޫގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު އެ ގައުމުތަކަށް އެތެރެ ވެވޭ ލިސްޓުގައި ރާއްޖެ ހިމެނިފައެއް ނުވެއެވެ. އެ ލިސްޓުގައި 15 ގައުމެއް ހިމެނޭއިރު އީޔޫން ބުނާ ގޮތުގައި އެއީ ގައުމުތަކުގައި ބަލިމަޑުކަން އޮތް ހާލަތަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ލިސްޓެކެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ގުޅޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން އީޔޫ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު ވިދާޅުވީ، އީޔޫގެ ލިސްޓަކީ މުހިންމު ނޫން ދަތުރުތައް ޔޫރަޕަށް ނުކުރުމަށް ކޮށްފައި އޮތް އިލްތިމާސެއް ކަމަށެވެ. އެގޮތުން ކިޔަވާ ކުދިންނަށާއި ހެލްތު ދާއިރާގެ މީހުންނާއި ޑިޕްލޮމެޓުންނާއި މުހިންމު ބައްދަލުވުންތަކަށް ޔޫރަޕަށް ދާންޖެހޭ ފަދަ މުހިންމު ބޭނުންތަކަށް ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ސޯބިރު އިތުރަށް ވިދާޅުވީ، ލިސްޓެއް އޮތް ނަމަވެސް އެކި ގައުމުތަކުން އެކި ގޮތަށް އަމަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން ލިސްޓުގައި ރާއްޖެ ނުހިމެނުނު ނަމަވެސް މިއީ ރާއްޖެއަށް ޓޫރިސްޓުން އައުމަށް އެޅޭ ހުރަހެއް ނޫން ކަމަށް ސަފީރު ވިދާޅުވިއެވެ.
"މިއީ މި ދުވަސްވަރު ޔޫރަޕްގެ ކަންކަން އޮތް ގޮތުން އެބޭފުޅުން ކޮށްފައި އޮތް އިލްތިމާސެއް. މީގައި ބަލާފައިވަނީ ހަތަރު ކަމަކަށް. އެއް ކަމަކީ އޮންނަ ސިޔާސީ ގުޅުން. އަނެއް ކަމަކީ ކޮވިޑްގެ ކަންކަމުގައި އަމަލު ކުރެވިފަ އޮތް ގޮތާއި މިހާރު އޭގަ އޮތް ކްރިޓިކަލް ބައިތައް. އެ ގައުމެއްގައި ކުރިޔަށްދާ މިންވަރު. އަނެއްކަމަކީ ރެސިޕްރޯސިޓީ،" ސޯބިރު ވިދާޅުވިއެވެ.
ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު ވިދާޅުވީ، އީޔޫގެ ލިސްޓުގައި ރާއްޖެ ނުހިމެނޭތީ އެކަމާ ގުޅޭގޮތުން އީޔޫގެ ސަފީރާ މަޝްވަރާ ކުރެއްވި ކަމަށެވެ. އެ މަޝްވަރާތަކުގައި ރާއްޖޭގެ ކަންކަން ހުރީ ރަނގަޅަށް ކަމަށާއި ލިސްޓުގައި ރާއްޖެ ހިމެނުމަށް ބާރު އަޅުއްވައިދެއްވާނެ ކަމަށް ސަފީރު ވިދާޅުވި ކަމަށް ހަލީލު ވިދާޅުވިއެވެ.
"އެހެންނަމަވެސް ރެސްޕްރޯސިޓީގައި ރާއްޖެއިން އަދި ނުހުޅުވައޭ ބޯޑަރެއް. ހުޅުވީމަ ތިމަންނަމެންނަށް ފެނެއޭ ރާއްޖެ ލިސްޓަށް ވަންނަތަން. 30 ޖޫންގަ ނެރުނު ލިސްޓުގައި ރާއްޖެ ނުހިމެނިދާނެ. އެކްސްޕެކްޓް މިކުރަނީ 15 ގައި ރިވިއު ކުރާއިރު ރާއްޖެ އޭގެ ތެރޭގައި ހިމެނޭނެ ކަމަށް. އަޅުގަނޑަށް ލަފާކުރެވެނީ ޖުލައި ނިމޭއިރު ރާއްޖެ ލިސްޓަށް އަރާނެ،" ހަލީލު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު