ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާނެ ދުވަސް އިއުލާން ކުރުން ލަސްވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ގުޅޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ބޯޑަރުތައް މިމަހުގެ 15 ގައި ހުޅުވަން ނިންމައި، ރާއްޖޭގެ އަސްލު މަންޒަރު ބޭރު ގައުމުތަކަށް ހާމަކޮށްދެވުނީ މިމަހުގެ 23 ގައި ކަމަށާއި ދުނިޔޭގެ ނިސްބަތުން ބަލާނަމަ އެއީ ލަސް ތާރީހެއް ނޫން ކަމަށެވެ. އަދި ބޯޑަރު އިއުލާން ކުރާ ދުވަސް ލަސްކުރީ ދެވަނަ ރާޅެއް އަޔަ ނުދިނުމަށްޓަކައި ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށްޓަކައި ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 23 ޖޫންގައި ރާއްޖޭގެ ކްލިއާ ޕިކްޗާ މި ޑިކްލެއާކުރީ. އަޅުގަނޑުމެން ދެކޭ ގޮތުގައި ދުނިޔޭގެ ނިސްބަތުން އެއީ ލަސް ތާރީހެއް ނޫން. އެއީ ދެކުނު އޭޝިއާގެ އިއްޔެގެ ބައްދަލުވުމުގައި ވެސް ޔޫއެންޑަބްލިޔުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވި އެންމެ ފުރަތަމަ ބޯޑަރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުޅުވާލާ އެންމެ ފުރަތަމަ އެއް ގައުމަކީ ދިވެހިރާއްޖެ،" އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލައި އިންޑަސްޓްރީން އަމަލުކުރަން ޖެހޭ ގައިޑްލައިން ހަދާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ، ޖުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޔޫއެންޑަބްލިޔުޓީއޯ)ގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

އެގޮތުން ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރާނީ ފަސޭހަކަމާއި ރައްކާތެރިކަމާއި ހަމަހަމަކަންކަން ފާހަގަކުރައްވައި މިނިސްޓަރު އަލީ ވަހިދު ވިދާޅުވީ، ރާއްޖޭގެ ސޭފް ޓޫރިޒަމް ގައިޑްލައިނާ ގުޅޭ ކަންބޮޑުވުމެއް މިނިސްޓްރީއަށް ލިބިފައި ނެތް ކަމަށެވެ. އޭގެ ބަދަލުގައި އިންޑަސްޓްރީގެ ހުރިހާ ރިސޯޓްތަކާއި ކުންފުނިތަކެއްގެ ތައުރީފު އެޔަށް ލިބިފައިވާއިރު ގައުމުތަކުން ވެސް އެ ގައިޑްލައިން ބަލައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.