މިދިޔަ މަހުގެ ބިލްތައް ފޮނުވާފައިވަނީ ރީޑީންގް ނެގުމަށްފަހު ކަމަށާއި ކުރީ ދެމަހުގެ ބިލްތަކާއި އަޅައި ބަލާއިރު ބޮޑުތަފާތެއް ފެންނަނީ ކޮވިޑް ޑިސްކައުންޓް ކަނޑައިލުމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގެ ފަރާތުން މި މައުލޫމާތު ހާމަކޮށްފައިވަނީ ޖޫން މަހުގެ ކަރަންޓު ބިލް ލިބުމާއެކު، ކަރަންޓު ބިލު ކުރިއާ އަޅައިބަލާއިރު މާ ބޮޑުކަމަށް ބުނެ ގިނަ ބަޔަކު ނުރުހުންފާޅު ކުރުމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސްޓެލްކޯގެ ހެޑް އޮފް ކަސްޓަމާ ސާވިސް، ޖެނެރަލް މެނޭޖަރު، ހުސައިން ފަހުމީއެވެ.
ފަހުމީ ވިދާޅުވީ ކޮވިޑް 19އާއި ގުޅިގެން ސްޓެލްކޯއިން އޭޕްރީލް އަދި މެއި މަހު ކޮންމެ ކަރަންޓު ބިލަކަށް ކޮވިޑް ޑިސްކައުންޓުގެ ގޮތުގައި 40 ޕަސެންޓް ސަބްސިޑީ ދީފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެ ދެމަހުގެ ބިލު ކުޑަވާނެ ކަމަށް ފަހުމީ ފާހަގަ ކުރެއްވިއެވެ. ޖޫން މަހުގެ ކަރަންޓު ބިލުގައި ކޮވިޑް ޑިސްކައުންޓު ހިމަނާފައި ނުވާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންމެ އަހަރަކުވެސް އޭޕްރީލް، މެއި އަދި ޖޫން މަހަކީ ހޫނު މޫސުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ މިންވަރު ގިނަވާ ތިން މަސް ކަމަށް ފަހުމީ ވިދާޅުވިއެވެ. މިކަމުގެ ސަބަބުންވެސް ކަރަންޓު ބިލު ބޮޑުވެދާނެ ކަމަށާއި، ކޮވިޑް 19ގެ ސަބަބުން އެންމެން ގޭގައި ލޮކްޑައުންގައި ތިބުމުގެ ސަބަބުން އާންމު ހާލަތަށްވުރެ ކަރަންޓު ބޭނުން ކުރާ މިންވަރު ގިނަވުމުންވެސް ކަރަންޓު ބިލް ބޮޑުވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި މީޓަރުގެ ފޮޓޯ ފޮނުވުމުން ނުވަތަ މީޓަރުގެ ފޮޓޯ ނުފޮނުވާ މީޓަރުތަކަށް އަންދާސީ ބިލެއް ފޮނުވި ނަމަވެސް، ޖޫން މަހުގެ ބިލްތަކަކީ ރީޑީން ނެގުމަށްފަހު ތައްޔާރު ކޮށްފައިވާ ބިލުތަކެއް ކަމަށެވެ. ޖޫން މަހުގެ ބިލު ތައްޔާރު ކުރުމަށް ރީޑިންގް ނަގަން ނުދެވުނު ގޭގޭޔަށް ބިލު ފޮނުވާފައިވާނީ މީޓަރުގެ ފޮޓޯ ހޯދައިގެން، ރީޑިން ނަގައިގެން ކަމަށް ފަހުމީ ވިދާޅުވިއެވެ. ޖޫން މަަހަށް ފޮނުވާފައިވާ ބިލްތަކުތެރޭ އަންދާސީ އަދަދަކަށް ހަދާފައިވާ އެއްވެސް ބިލެއް ނުހިމެނޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ބިލް ފޮނުވުމުގައި މިފަދައިން އަމަލުކޮށްފައިވީ ނަމަވެސް، ކަސްޓަމަރުން ހުށަހަޅާ މައްސަލަތަކަށް ބަލަމުން އަންނަ ކަމަށާއި، އާދަޔާ ހިލާފަށް ބިލު ބޮޑުކަމަށް ދައްކާ ގޭބިސީތަކުގެ ރީޑީން ދެވަނަ ފަހަރަށްވެސް ނަގަމުން އަންނަ ކަމަށް ފަހުމީ ވިދާޅުވިއެވެ. ކަރަންޓު ބިލާ ގުޅިގެން މައްސަލައެއް އުޅޭނަމަ އެކަން ސްޓެލްކޯގެ ކަސްޓަމާ ސާވިސްއާ ހިއްސާ ކުރުމަށްވެސް ފަހުމީ އެދިވަޑައިގެންނެވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު