Close
ވިޔަފާރި

އައިއެފްސީން ބީއެމްއެލްއަށް 50 މިލިއަން ޑޮލަރާއި ހަމަޔަށް ލޯނު ދޫކުރުމަށް ނިންމައިފި

މަރިޔަމް ޝަހުދާ

ވޯލްޑް ބޭންކް ގްރޫޕުގެ މެންބަރެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 50 މިލިއަން ޑޮލަރާއި ހަމައަށް ލޯނު ދޫކުރުމަށް ނިންމައިފި އެވެ.

މިކަމާ ގުޅިގެން ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި އައިއެފްސީން ބީއެމްއެލްއަށް ދޫކުރާ މި ލޯނަކީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުން ފޫބެއްދުމަށްޓަކައި ދޫކުރުމަށް ނިންމާފައިވާ ލޯނެކެވެ. އެގޮތުން އައިއެފްސީގެ މި ލޯނު ބީއެމްއެލްއިން ދޫކުރާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ އަމިއްލަ ވިޔަފާރިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ. ވަޒީފާތައް ގެއްލިގެން ދިޔުމުން ރައްކާތެރިކަން ހޯދައިދިނުމަށާއި ކޮވިޑް 19ގެ ސަބަބުން އިގުތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުކުޑަކުރުމަށް ކުރަމުން އަންނަ މަަސައްކަތްތަކަށްވެސް އައިއެފްސީގެ ލޯނު އެހީން ލޯނު ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ މި ފައިސާއިން ލޯނު ދޫކުރުމަށް ހަމަޖައްސާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. މި ލޯނު ފެސިލިޓީގެ ދަށުން ފުރަތަމަ ފިޔަފަހީގެ ދަށުން 20 މިލިއަން ޑޮލަރު ދޫކުރުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އައިއެފްސީގެ ފަރާތުން ބީއެމްއެލް އަށް ދީފައިވާ މި ލޯނު އެހީއަކީ އެ ކޯޕަރޭޝަނުގެ ފަރާތުން ގައުމުތަކަށް އެހީވުމަށް ހިންގާ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރާ ލޯނެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މި ލޯނާއެކު ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތައް ހިންގުމަށް ވަރަށް މުހިންމުވެފައިވާ ފައިސާ އެ ވިޔަފާރިތަކަށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މިކަމުން އެ ވިޔަފާރިތަކަށް ނަފާ ލިބޭނެ ކަމަށްވެސް ބީއެމްއެލްއިން ފާހަގަ ކުރެއެވެ.

ބީއެމްއެލް އިން ބުނީ މި ލޯނުގެ ސަބަބުން އެ ބޭންކުން އިތުރު 50 މިލިއަން ޑޮލަރުގެ ލޯނު ދޫކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ބުނެފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ޖީޑީޕީގެ 3/2 ހިއްސާކުރާކަން ބީއެމްއެލް އިން ފާހަގަ ކުރެއެވެ. އެ ދާއިރާއިން ރާއްޖޭގެ އެކްސްޕޯޓުގެ %80 އާއި ގައުމަށް ލިބޭ އާމްދަނީގެ %40 ހިއްސާކުރާކަމަށް ބީއެމްއެލް އިން ބުނެއެވެ. މީގެ އިތުރުން ފާއިތުވި އަހަރުތަކުގައި ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކޮށް ގައުމަށް އައިސްފައިވާ ކުރިއެރުމުގެ ފަހަތުގައިވެސް ވަނީ ހަމަ ފަތުރުވެރިކަމުގެ ދާއިރާ ކަމަށް ބީއެމްއެލުން ބުނެއެވެ. ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން ފަތުރުވެރިކަން މަޑުޖެހުމުގެ ސަބަބުން މުޅި މި ސަރަހައްދުގައިވެސް އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބެލެވެނީ ރާއްޖެއަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްއިން ވަނީ މި ދަނޑިވަޅުގައި ބީއެމްއެލް އިން ވާނީ ރިސޯޓް އަދި ގެސްޓް ހައުސްތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީ ދިނުމަށް ޝޯޓް ޓާމް ފައިނޭންސިންގް ޕްރޮގްރާމެއް ތައާރަފްކޮށްފައި ކަމަށް ބުނެފައެވެ. އަދި އައިއެފްސީގެ މި ލޯނު އެހީ ލިބިފައިމިވަނީ ވަރަށް އެކަށޭނެ ވަގުތެއްގައި ކަމަށާއި އަދި މި ލޯނަކީ މިހާރުގެ ހާލަތުން އަރައިގަތުމަށް އެ ބޭންކުން ކުރާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޭނުންތެރި އެހީއެއް ކަމަށްވެސް ބީއެމްއެލް އިން ފާހަގަ ކޮށްފައިވެއެވެ.