ކުޅިވަރު

މެސީ 700 ވަނަ ގޯލް ހަމަކުރިއިރު ބާސެލޯނާއަށް މޮޅެއް ނުވެވުނު

އައިދާ އަބްދުލް ހަކީމް

ސްޕެނިޝް ލަލީގާއި ރޭ އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރި މެޗްގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ ކެރިއަރުގެ 700 ވަނަ ގޯލް ކާމިޔާބު ކޮށްފިއެވެ.

ރޭގެ މެޗަކީ ބާސެލޯނާ އަށް ކާމިޔާބު ކުރަން ވަރަށް މުހިންމު މެޗެއް ނަމަވެސް އެތްލެޓިކޯއިން ވަނީ ގަދަފަދަ ބާސެލޯނާ މޮޅުވިޔަ ނުދީ އެ މެޗުން ޕޮއިންޓެއް ހޯދައިފައެވެ. ރޭގެ މެޗުން ބާސެލޯނާ މޮޅުވިނަމަ އެޓީމަށް ވަގުތީގޮތުން ތާވަލުގެ އެއްވަނަ އަށް ޖެހިލެވުނީހެވެ. ލީގު ތާވަލުގެ އެއްވަނައިގައި މިހާރު ރިއާލް މެޑްރިޑް އޮތީ ބާސެލޯނާ އަށްވުރެ އެއް މެޗް މަދުން ކުޅެ އެއްޕޮއިންޓްގެ ލީޑަކާ އެކު އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރިއާލް މެޑްރިޑް އިން ގެޓަފޭ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ރެއާލް މެޑްރިޑާއި އަރައި ހަމަކުރަން އެޓީމަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލަކީ އެތްލެޓިކޯގެ ޑިއެގޯ ކޯސްޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބާސެލޯނާ އިން އެ ގޯލް ޖެހިތާ މާގިނަ އިރެއް ނުވެ އެޓީމުގެ ވިޑާލް ޕެންލްޓީ އޭރިއާ ތެރެއިން އެތްލެޓިކޯގެ ކަރަސްކޯ އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އެޓީމަށް ޕެނަލްޓީއެއް ދީފައެވެ.

އެ ޕެނަލްޓީ ޖެހީ ބައިކޮޅަށް ލަނޑުޖެހި ޑިއެގޯ ކޯސްޓާއެވެ. ޑިއެގޯ ކޯސްޓާ ޖެހި ބޯޅަ ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދުރޭ ވަނީ މަތަކޮށްފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމެވީ ކީޕަރު މާ އަވަހަށް ބޯޅަ އަށް މޫވް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދެވަނަ ފަހަރަށް ރެފްރީވަނީ ޕެނަލްޓީ ޖެހުމުގެ ހުއްދަ ދީފައެވެ.

އެފުރުސަތުގެ ބޭނުން ހިފައި ޕެނަލްޓީ ގޯލަށް ވައްދައިގެން އެތްލެޓިކޯއަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ ސައުލް ނިގުއެޒް އެވެ. މެޗްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ކެޕްޓަން ލިއަނަލް މެސީއެވެ. މިއީ މެސީ އޭނާގެ ކެރިއަރުގައި ޖެހި 700 ވަނަ ގޯލްވެ. މެސީ ލަނޑުޖެހިތާ 12 ވަރަކަށް މިނެޓު ފަހުން އެތްލެޓިކޯ މެޑްރިޑުން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. ދެވަނަ ހާފުގައި ދެޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ނަމަވެސް މެޗް ނިމުނީ 2-2 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.