ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމަށް އަންނަ ބުރާސްފަތި ދުވަހަށް ޝެޑިއުލް ކުރި ގައުމީ އެއާލައިން، މޯލްޑިއަންގެ ފްލައިޓު ފަސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނީ ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ އައުމަށް ބާއްވާ ފްލައިޓެއް ބުރާސްފަތި ދުވަހު އޮންނާނެ ކަމަށާއި މޯލްޑިވިއަންގެ މި ފްލައިޓުގައި 200 ދިވެހިން ގެނައުމަށް ޖާގަ ލިބޭނެ ކަމަށެވެ. ނަމަވެސް މީގެ އިރުކޮޅެއް ކުރިން އެ މިނިސްޓްރީން ބުނީ، އެ ފްލައިޓު ދަތުރުކުރާ ތާރީހު ފަސްކުރެވިފައިވާ ކަމަށާއި އާ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ، ފްލައިޓުގެ ދަތުރު ފަސްކުރީ ނިއު ނޯމަލްގެ ގައިޑްލައިންތަކަށް އަމަލުކުރުމަށް ވަގުތު ނަގާނެތީ ކަމަށެވެ.

ފޮރިން މިނިސްޓްރީން އަންނަނީ ރާއްޖޭގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މީގެ ކުރިންވެސް ވަނީ ލަންކާ ހިމެނޭހެން އެތައް ގައުމެއްގައި ތިބި ދިވެހިން ރާއްޖެ ގެނެސްދީފައެވެ.