ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އިސީ) އިން ބުނެފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ ދަށުން ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން މިއަދާ ހަމައަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލި ދެ ކެންޑިޑޭޓުންނެވެ.
އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީހު ކޮމިޝަނުން އިއުލާނު ކުރާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތަރީހެއް އަދި ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅު އިންތިހާބު ބޭއްވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އީސީގެ ރައީސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ގާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ކަމަށާއި އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރަމުން އަންނަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު