ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން އަޑިއަޅާލާފައިވާ ފަތުރުވެރިކަން އަލުން ދިރުވުމުގެ ބިންގަލަކީ ދަތުރުވެރިންގެ އިތުބާރާއި ދަތުރުފަތުރު ކުރުމުގެ ފަސޭހަކަމުގެ ތިލަފަތް ހަމަކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް ވާލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ގެ ކޮމިޝަން ފޯ އީސްޓް އޭޝިއާ އެންޑް ދަ ޕެސިފިކް އަދި ކޮމިޝަން ފޯ ސައުތު އޭޝިއާގެ 32 ވަނަ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން އަޑިއަޅާލާފައިވާ ފަތުރުވެރިކަން އަލުން ދިރުވުމުގެ ބިންގަލަކީ ދަތުރުވެރިންގެ އިތުބާރާއި ދަތުރުފަތުރު ކުރުމުގެ ފަސޭހަކަމުގެ ތިލަފަތް ހަމަކުރުން ކަމަށެވެ.

"އެންމެން އެކުގައި، އެއް އަޑެއްގައި، އެއް މިންގަނޑުތަކެއް ހިފަހައްޓައިގެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، ސަރުކާރާއި، ސަރުކާރު ޙިއްސާވާ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރަމުންދާ މަސައްކަތުން ލިބޭ ކުރިއެރުންތަކާއި ކާމިޔާބީން އަޅުގަނޑުމެންގެ ވިސްނުން މިއަދު މިވަނީ ބަދަލުވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މުސްތަގުބަލު އުޖާލާ ކުރުމުގެ އާ އުންމީދަކާއެކު ނިއު ނޯމަލްއަށް ތައްޔާރުވެފައިވާ ކަމަށާއި މިއީ ޖުލައި މަހު ރާއްޖެ ހުޅުވާލާއިރު ރާއްޖެ ޒިޔާރަތް ކުރާ ފަރާތްތަކަށް ދޭން ބޭނުންވާ އުންމީދެއް ކަމަށެވެ.

މި ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރު އަލީ ވަހީދެވެ. އެގޮތުން ޔޫއެންޑަބްލިއުޓީއޯ ސެކްރެޓަރީ ޖެނެރަލް ނޫރަބް ޕޮލޮލިކަޝްވިލީ އާއި މެލޭޝިއާގެ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޖަމްރީ މަޓް ޒައިން އަދި އޭޝިއާ ބައްރުގެ 27 މެންބަރު ގައުމަކުން ވަނީ ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިންގެ ސަލާމަތާއި، ރައްކާތެރިކަމާއި، އެމީހުންގެ އިތުބާރު ހިފެހެއްޓުމާއި، ކޮވިޑާ ގުޅިގެން އެކި ގައުމުތަކުން އަމަލުކުރަމުން އަންނަ ސިޔާސަތުތައް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. އަދި މި ސިޔާސަތުތައް އެކުލަވާލުމުގައި ޔޫއެންޑަބްލިއުޓީއޯގެ އެހީތެރިކަން ފޯރުކޮށްދީފައިވާ މަޝްރޫއުތަކާއި އެހެނިހެން އެހީތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.