ރައްޔިތުންގެ މަޖިލީހުގައި ބައެއް ކަންކަން ކުރިޔަށްދާ ގޮތަށް ބަލާއިރު، މަޖިލިސްގެ އަސްލު މަސައްކަތުގެ ދާއިރާގެ ބޭރުން މަޖިލިސް މަސައްކަތް ކުރަމުން ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، އެހެން ބައެއް ފަރާތްތަކުންވެސް އަންނަނީ ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވައިފައެވެ. ރައްޔިތުންގެ މަޖިލިސް ދާއިރާއިން ބޭރުން ކުރިއަށް ދާކަަމަށް ބުނާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ވަނީ ރައްދު ދެއްވައިފައެވެ. ނަމަވެސް އެ މައްސަލަޔަށް މަޖިލިސް ރައީސް ރައްދު ދެއްވީ ފަށްކަނޑަން އިނދެގެން އުޅޭ މީހަކު ވަރި ނުކުރުމަށް ނިސްބަތް ކުރައްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައި ލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސްގެ ދާއިރާއިން ބޭރަށް މަޖިލިސް ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، އެހެން ބައެއް ފަރާތްތަކަށް ހީފުޅުވާކަމަށް އަޑުއިވިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް "ކޮލަމާފުށީގައި ފަށްކަނޑަށް އިން މީހަކު ވަރި ނުކުރިކަމަށް ހަބަރުތައް އެބަލިބޭ، އެއީ ކޮންޓްރެކްޓާ ހިލާފުކަމެއް،" ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެހެން ނަމަވެސް މަޖިލިސް ރައީސް އެހެން އެ ވިދާޅުވީ ކޮން ވިސްނުންފުޅެއްގައި ކޮން މާނައެއްގައި ކަމެއް ނޭނގެ އެވެ. މަޖިލިސް ރައީސްވެސް އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ރައްޔތުންގެ މަޖިލިސް ދާއިރާގެ ބޭރުން މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީތައް ހިންގައި، ގާނޫނުހަދައި، ޝަރީއަތް ހިންގާނަމަ، ސަރުކާރު އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ޝަރީފް މިހެން ވިދާޅުވީ، މޯލްޑިވްސް ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ހިންގަނީ އެސޯސިއޭޝަންގެ ހިންގާ ގަވައިދާއި، ކުޅިވަރުގެ ގާނޫނާއި ޖަމިއްޔާތަކުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، ސްޕޯޓްސް މިނިސްޓްރީން ފިޔަވަޅު އަޅަން ގޮވާލައި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ، އެ މައްސަލައަކީ ގާނޫނާ ހިލާފަށް، ގާނޫނުން ނެތް ބާރެއް ބޭނުންކޮށްގެން އަލީ އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.
މި މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް މަޖިލިސް ރައީސް ފުރުސަތު ދެއްވުމުން ޝަރީފް ވިދާޅުވީ، ވަކި ބަޔަކު ގާނޫނާ ހިލާފުވެއްޖެކަން ކަނޑައަޅައި، ވަޒީރެއްގެ މައްޗަށް ވަކި އަމުރެއް ނެރުމަށް މަޖިލީހަށް މައްސަލައެއް ހުށަ ނޭޅޭނެ ކަމަށެވެ.
"ގާނޫނާ ހިލާފަށް މި މައްސލަ ހުށަހެޅީ، މިހާރު މިތަން ވެއްޖެ ޝަރީއަތް ކުރާތަނަކަށް، ހުކުމް ކުރާތަނަކަށް، މިތަން ވެއްޖެ ބަދަލު ހިފުމަށް މައްސަލަތައް ހުށަހަޅާ ތަނަކަށް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ބަޔަކު ގާނޫނާ ހިލާފު ވެއްޖެނަމަ އެމައްސަލަ ހުށަހަޅަން ޖެހޭނީ ކޯޓަށް ކަމަށެވެ. ވަޒީރަކު މަޖިލީިހަށް ޖަވާބުދާރީ ކުރުވޭނީ، އެ ވަޒީރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްގެންނާއި، އިތުބާރު ނެތް ނަމަ މަޖިލީހުން އެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެން ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް