ވިޔަފާރި

އައްޑޫ އާއި ކުޅުދުއްފުއްޓާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު ފަށަނީ

މަރިޔަމް ޝަހުދާ

ރާއްޖޭގެ އެންމެ އުތުރާއި ދެކުނު ގުޅުވާލައި، އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީއާއި ދެމެދު ދަތުރު ކުރަން ފެށުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ތައްޔާރުވެއްޖެ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ދަތުރުތައް މޯލްޑިވިއަންގެ މި ހަފްތާގެ ޝެޑިއުލްގައި ހިމަނާފައިވާ ކަމަށެވެ.

އެގޮތުން ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުދުއްފުށިން އައްޑޫ ސިޓީގެ ގަމަށް އަދި ހޮނިހިރު ދުވަހު އައްޑު ސިޓީ ގަމުން ކުޅުދުއްފުއްޓަށް މޯލްޑިވިއަން އިން ދަތުރު ކުރުމަށް ވަނީ ޝެޑިއުލް ކޮށްފައެވެ. މި އާ ރޫޓުގެ ކޮޅެއްގެ ޓިކެޓުގެ އަގަކީ 1444 ރުފިޔާ ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ.

މި ފްލައިޓުތައް ދަތުރު ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓްރާންސިޓް ކުރުމަށްފަހު އެވެ. ތެޔޮ އެޅުމަށް މަޑުކުރާ ވަގުތު ފަސިންޖަރުން ފްލައިޓުގައި މަޑު ކުރާނެ ކަމަށްވެސް މޯލްޑިވިއަން އިން ފާހަގަ ކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މިދަތުރުތައް ޖުލައިގެ އެންމެ ފުރަތަމަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށެވެ. އެއީ މި ހަފްތާގެ ބުރާސްފަތި ދުވަހެވެ.

މޯލްޑިވިއަން އިން ބުނީ އައްޑޫއާއި ކުޅުދުއްފުއްޓާ ދެމެދު މި ދަތުރުތައް ފެށީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ކަމަށެވެ. މިއީ، ދެ ސަރަހައްދުގެ އިގުތިސާދީ ހަރަކާތްތައް ހިންގޭނެ މަގު ފަހި ކުރުމަށް ފަށާ ޝެޑިއުލް ދަތުރުތަކެއްކަން މޯލްޑިވިއަން އިން ފާހަގަ ކުރެއެވެ.

މީގެ އިތުރުން މޯލްޑިވިއަން އިން މާވަރުލު އެއާޕޯޓަށްވެސް ދަތުރުތައް ފެށުމަށް ޝެޑިއުލް ކޮށްފައިވާ ކަަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ. ކޮވިޑް 19ގެ ސަބަބުން ރާއްޖޭގައި އެތެރޭގެ އުދުހުންތައް މެދު ކަނޑާލާފައި އޮތުމަށްފަހު އަލުން އެއް އެއާޕޯޓުން އަނެއް އެއާޕޯޓަށް ދަތުރުތައް ފެށުމަށް ޝެޑިއުލް ކޮށްފައިވާކަން މޯލްޑިވިއަން އިން ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން ދަރަވަންދޫން ހަނިމާދޫއަށް އަދި ތިމަރަފުށިން ކައްދޫއަށްވެސް ޝެޑިއުލް ދަތުރުތައް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. މިހާރު މޯލްޑިވިއަންގެ އެޕްލިކޭޝަން އަދި ވެބްސައިޓު މެދުވެރިކޮށް ޓިކެޓު ނެގޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.