މުޙައްމަދު އަސްލަމް

މިނިސްޓަރު އަސްލަމަށް މަޖިލީހުން ރުހުންދީފި

އިބްރާހިމް ޒަކީ

ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލައި އުފައްދާފައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރުގެ މަގާމަށް އައްޔަންކުރި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މިނިސްޓަރު އަސްލަމަށް ރުހުންދޭން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތިއްބެވި 66 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އަސްލަމަށް ރުހުން ދިނުމުގެ އިތުރުން އެ މިނިސްޓްރީގެ އޮނިގަނޑަށް ގެނައި ބަދަލަށް ރުހުން ދިނުމަށްވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުރެއްވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެއީ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ، އެކަމަނާގެ ސިއްހީ ހާލަތު ހުރި ގޮތުން އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި ބަދަލާ ގުޅިގެން ކުރިން ހައުސިން މިނިސްޓްރީން ކުރަމުން ގެންދިޔަ އެންމެހައި މަސައްކަތްތައް ދެން ކުރަމުން ގެންދާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންނެވެ. އެ މަސައްކަތްތައް ކުރުމަށްޓަކައި ހައުސިން މިނިސްޓްރީގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފައެވެ.