ކުޅިވަރު

އެފްއޭއެމް އަށް ފިޔަވަޅު އަޅައިދިނުމަށް އެދި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

އައިދާ އަބްދުލް ހަކީމް

ޔޫތު މިނިސްޓްރީން ކުޅިވަރު ގާނޫނާ އެއްގޮތަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ދޭތެރޭ ފިޔަވަޅު އަޅާފައި ނުވާތީ އެ އެސޯސިއޭޝަނާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކޮށްފައިވާއިރު، އެގަރާރުގައި ބުނެފައިވަނީ އެގަރާރަކީ ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތައް، އެސޯސިއޭޝަންތައް އަދި ފެޑަރޭޝަންތައް ރެގިއުލޭޓްކޮށް ގާނޫނުން މަތިކޮށްފައިވާ މައްސޫލިއްޔަތުތައް އަދާކުރުމަށް މަތިކޮށްފައިވާ ފަރާތްތަކުން އެކަން ފުރިހަމަ ގޮތުގައި އަދާނުކުރާތީ ހުށަހަޅާ މައްސަލައެއް ކަމަށެވެ. އަދި މި ގަރާރުގެ މަގުސަދަކީ ކުޅިވަރުގެ ހުރިހާ ފެންވަރެއްގައި ހިންގޭ ހަރަކާތްތަކުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ މީހުންނަށް ބައިވެރި ވެވޭ ހަރަކާތްތަކެއްކަން ކަށަވަރުކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުން ކަމަށެވެ.

އެފްއޭއެމްގެ ރައީސްކަންވެސް ކުރީން ކުރެއްވި، އަލީ އާޒިމް ހަ ނުކުތާއެއް ފާހަގަކުރައްވައި، ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އެފްއޭއެމް ހިންގަމުންދަނީ އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނު އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ގަވާއިދުގައި ވާ ގޮތުގެ މަތިން އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އަށް އެންގުމަށާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ފަހު ނޫނީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެންގުމަށް އެގަރާރުގައި ވަނީ އެދިފައެވެ.

އެގަރާރުގައި ބުނެފައި ވަނީ، އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 34 ވަނަ މާއްދާގައި ބުނާ އަދަދަށް ކޮންމެ މަހަކު އެއް ފަހަރު، ހިންގާ ކޮމިޓީގެ ބައްދަލުވުން ބާއްވާފައި ނުވާ ކަމަށާއި 83 ވަނަ މާއްދާގައި ބުނާ އެސޯސިއޭޝަންތައް ވެސް އުފަންކޮށްފައި ނެތް ކަމަށެވެ.

މީގެ އިތުރުން ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށްގެން ހިންގުމުގެ ގަވާއިދުގެ 39 ވަނަ މާއްދާގެ "ހ" ގައި ޖަމިއްޔާ ރަޖިސްޓްރީކުރާ ތާރީހުން ފެށިގެން ދެ އަހަރުވާއިރު، އެ ޖަމިއްޔާއަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާ ނަމަ، ނުވަތަ އެއިން އެއްވެސް ކަމެއް ނުކޮށް ވިދިވިދިގެން ދެ އަހަރު، ވެފައިވާނަމަ އެ އެސޯސިއޭޝަނެއްގެ ރަޖިސްޓްރޭޝަން ބާތިލްކުރުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބިގެންވާ ކަމަށެވެ.

އެހެންކަމުން އާޒިމް އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ބަލައި ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އެފްއޭއެމްގެ އިންތިހާބު މިމަހުގެ ތެރޭގައި ބާއްވަން ނިންމަވާފައިވާކަން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ. އެ އިންތިހާބުގައި ވާދަކުރައްވަނީ ބައްސާމް އެކަންޏެވެ. އެހެންކަމުން އެއިންތިހާބުގައި އަހާނީ ފެންނަ ނުފެންނަ ވޯޓަކަށެވެ.