ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް 28 ދިވެހިން އިންޑިއާގެ ކޮޗިންއަށް މިރޭ ފުރައިފިއެވެ.
މި މީހުން މިރޭ އިންޑިއާއަށް ފުރާފައިވަނީ އާސަންދައިގެ ދަށުންނެވެ. އެމީހުން ރާއްޖެއިން ފުރާފައިވަނީ މިރޭ 10:15 ގައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުލައިޓެއްގައެވެ. އެ ފުލައިޓުން ޖުމުލަ 64 މީހަކު ފުރާފައިވެއެވެ.
އާސަންދައިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދިން ހުއްދައާއެކު އާސަންދައިގެ ދަށުން 28 ބަލި މީހަކު ފަރުވާއަށް އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ. މި 28 ބަލިމީހުންނާއެކު އެމީހުންގެ އެހީތެރިންނާއި ބަލިމީހުންގެ ސިއްހީ ކަންކަން ދަތުރުމަތީގައި ބެލެހެއްޓުމަށް ދެ ޑޮކްޓަރުންނާއި ފަސް ނަރުހުންވެސް ފުރާފައިވާ ކަމަށް އާސަންދައިން ބުނެއެވެ.
ކުރިން ހަމަޖައްސާފައިވާ ގޮތުން ފުރަން އޮތީ 37 މީހެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ އަދަދު ވަނީ 28 އަށް މަދުވެފައެވެ.
އެންމެން ވެސް އިންޑިއާއަށް ދަނީ ވިސާ ހަމަޖައްސައި އެގައުމުގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑް 19އަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުން ކަމަށާއި އިންޑިއާ އިން ވެސް އެ މީހުން ކޮވިޑަށް ޓެސްޓުކުރާނެ ކަމަށެވެ. އަދި އެ ގައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރުމަށް ފަހު އަނެއްކާ ވެސް ކޮވިޑަށް ޓެސްޓުކުރާނެ ކަމަށްވެސް އާސަންދައިން ބުނެއެވެ.
މި އެންމެންގެ ވެސް ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސާޗް ސެންޓަރު (އެއިމްސް) ގައެވެ. ކަރަންޓީނުގައި ތިބޭނީވެސް އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގައެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާ ކުރިއަށްގެންދެވޭނެއެވެ.
މިރޭ ބަލި މީހުން ގޮވައިގެންދާ ފްލައިޓު އެނބުރި އަންނާނީ އިންޑިއާއަށް ފަރުވާއަށް ގޮސް ނާދެވި ތިބި ހަތް މީހަކު ގޮވައިގެން ކަމަށް އާސަންދައިން ބުންޏެވެ.
އާސަންދައިން ބުނީ ދެވަނަ ފްލައިޓެއްގައި އިންޑިއާއަށް ދާން 50 އަށްވުރެ ގިނަ ބަލި މީހުން މިހާރު ވެސް ލިސްޓުކުރެވިފައިވާ ކަމަށާއި މީގެ ތެރެއިން ވެސް އެންމެ ކްރިޓިކަލް ބަލި މީހުން ފަރުވާއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އާސަންދައިން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު