ކޮވިޑް 19އާ ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ކުރަމުން އައި މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.
މިއަދު ހަވީރު ދަރުބާރުގެއަށް ޒިޔާރަތްކުރައްވައި، އެންއޯއީސީގައި މަސައްކަތްކުރާ ފަރާތްތަކާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް އާ މަރުހަލާއަކަށް ބަދަލުކުރައްވާނެ ކަމަށާއި އެގޮތުން އެންއީއޯސީން ކުރަމުން އައި މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިހާތަނަށް ކޮވިޑް 19އާ ދެކޮޅަށް ރާއްޖޭގައި ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށާއި އެހެންކަމުން އެ މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
އައު މަރުހަލާއަށް ބަދަލުވުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ބަދަލަކީ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށާއި އަދިވެސް މިކަން ކުރިއަށް ގެންދިއުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް 19އާ ދެކޮޅަށް ކުރި މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރި މިފަދަ މަސައްކަތްކަން ފާހަގަކުރައްވައި، މިގޮތަށް މި މަސައްކަތް ކުރެވުނީ އެންއީއޯސީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއި އަދި ކަމާގުޅޭ އިސްވެރިން ކުރެއްވެވި ފުރިހަމަ މަސައްކަތުން ކަން ފާހަގަކުރައްވައި އެ ހުރިހާ ފަރާތްތަކަށް ވެސް ރައީސް ސޯލިހް ޝުކުރު އަދާކުރެއްވިއެވެ.
މިއަދު ރައީސް ކުރެއްވި ޒިޔާރާތުގައި އެންއީއޯސީގައި ހުރި އެކިއެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ވެސް އެމަނިކުފާނު ވަނީ ޒިޔާރަތްކުރައްވައި އެފަރާތްތަކުގެ މަސައްކަތްތައް ބައްލަވާލައްވައިފައެވެ. އެ މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތައް ވަނީ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ސޯލިހަށް މައުލޫމާތު އަރުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު