ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ބަންދުކޮށްފައިވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު އެ ގައުމުތަކަށް އެތެރެވެވޭ ލިސްޓުގައި ރާއްޖެ އަދި ނުހިމެނޭ ކަމަށާއި އެއީ ރާއްޖެ ބްލެކްލިސްޓް ކުރުން ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
އީޔޫ އިން ނެރުނު ބަޔާނެއްގައި ބުނީ ޔޫރަޕްގެ އެތެރޭގެ ބޯޑަރުތައް ހުޅުވުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ޔޫރަޕަށް އެތެރެވުމުގެ ހުއްދަ އެހެން ގައުމުތަކަށް ދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރެވޭނެ 15 ގައުމެއް މިހާތަނަށް ލިސްޓުކޮށްފައިވާ ކަމަށާއި އެއީ ގައުމުތަކުގައި ބަލިމަޑުކަން އޮތް ހާލަތަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ.
ޔޫރަޕްގެ ގައުމުތަކަށް އެތެރެވުމަށް ހުއްދަ ދީފައިވާ ލިސްޓަށް ބަދަލު ގެންނާނެ ކަމަށާއި އެ ބަދަލު ގެންނާނީ އެގައުމެއްގައި ބަލި ހާލަތަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. އަދި އަންނަ ބަދަލުތައް ހާމަކުރަމުން ދާނެ ކަމަށް ވެސް އީޔޫގެ ބަޔާނުގައިވެއެވެ.
އީޔޫއިން ބުނީ މިހާރު އެކުލަވާލާފައިވާ ލިސްޓުގައި ރާއްޖެ ނެތް ކަމުގައިވީ ނަމަވެސް އީޔޫގެ ވަކިވަކި ގައުމުތަކުން، އެ ގައުމަކުން ބޭނުންވާ ގޮތަކަށް މިކަން ހަމަޖެއްސުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ ލިސްޓުގައި ނަން ނެތުމަކީ ގައުމެއް ބްލެކްލިސްޓު ކުރުން ނޫން ކަމަށާއި އެއީ ނިއުނޯމަލްގެ ފުރަތަމަ ފިޔަވަޅު ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އީޔޫއިން ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭން ކުރި މަސައްކަތްތައް ފާހަގަކޮށް، ރާއްޖެއިން ބަލި މިހާރު ކޮންޓްރޯލްވެފައިވާކަން ވެސް ފާހަގަކޮށްފައެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލައި އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމަށް ވެސް ވަނީ ނިންމައިފައެވެ. ރާއްޖޭގެ ބޯޑަރު ތިން މަހެއްހާ ދުވަހަށްފަހު ހުޅުވާލަން ނިންމިއިރު، ބޭރުން އަންނަ ފަތުރުވެރިންނަށް ހިދުމަތް ދޭން ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު