ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އިތުރަށް ލީކުވިޔަ ނުދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އާ ހިއްސާކުރުމަށް އެމްއެމްއޭއަށް ހުށަހެޅުމަށް ނިންމައިފިއެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުގައި ކަސްޓަމަރުންގެ ކާޑޫގެ މައުލޫމާތު ލީކުވި މައްސަލައާ ބެހޭގޮތުން މެންބަރުން ވާހަކަ ދެއްކުމަށްފަހު، އެކަން ހިނގާފައިވާ ގޮތް ބެލުމަށް އެމްއެމްއޭއަށް ހުށަހެޅުމަށްވެސް ނިންމިއެވެ.
ކޮމިޓީން އެ ކަންތައްތައް އެމްއެމްއޭއަށް އެންގުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.
މީގެ ދުވަސްކޮޅެއް ކުރިން ބީއެމްއެލްގެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތަކެއް ލީކުވުމާ ގުޅިގެން ބޭންކުން ބުނެފައިވަނީ، އެ މައުލޫމާތު ލީކުވީ ބޭންކުން ނޫން ކަމަށާއި އެ މައުލޫމާތުތައް ލީކުވީ އިންޓަނެޓް ވިޔަފާރިކުރާ ވެބްސައިޓުތަކުން ކަމަށެވެ.
އެކަމާ ގުޅުގެން ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނެފައިވަނީ، އެ ހާދިސާގައި 500 އަށްވުރެ ގިނަ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ޑާކް ވެބުގައި ލީކުވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރުވާން ފެށުމުންނެވެ.
ބީއެމްއެލުން ބުނީ ބޭންކުގެ ތެރެއިން ކާޑުގެ މައުލޫމާތު ލީކުވެފައި ނުވާ ކަމަށާއި ނަމަވެސް ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ވެބްސައިޓުތަކުން އިންޓަނެޓް ވިޔަފާރިކޮށްފައިވާ 350 ކާޑެއްގެ މައުލޫމާތު ލީކުވެފައިވާ ކަމަށެވެ. އަދި އެފަދަ ވެބްސައިޓުތަކުން ދުނިޔޭގެ އެހެން ގައުމުތަކުގެ ބޭންކުތަކުގެ ކާޑުގެ މައުލޫމާތު ޑާކް ވެބުގައި ލީކުވެފައިވާކަން ވެސް ބީއެމްއެލުން ފާހަގަކުރިއެވެ.
ވެބްސައިޓުތަކުން އިންޓަނެޓް ވިޔަފާރިކޮށްފައިވާ 350 ކާޑެއްގެ މައުލޫމާތު ލީކުވެފައިވާ ކަމަށާއި އެކަން ދުނިޔޭގެ އެތައް މިލިއަން މީހުންނަށް ކުރިމަތިވާ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. އަދި ކާޑުގެ މައުލޫމާތުތަކަކީ އެ ބޭންކުން ވަރަށް ރައްކާތެރިކަމާއެކު ބަލަހައްޓަމުން އަންނަ މައުލޫމާތުތަކެއް ކަމަށާއި އެކަމާ ގުޅޭ ޝަކުވާތައް އަބަދުވެސް ތަހުގީގުކުރާނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.
ބީއެމްއެލުން ބުނީ އެ 350 ކާޑު ޑީއެކްޓިވޭޓްކޮށްފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު