ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާދެމުން އައި ތިން މީހުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 އަށް ބަދަލުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާދެމުން އައި ތިން މީހުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުން ކަމަށެވެ. އަދި އެމީހުންގެ ހާލު ގާތުން ބަލަމުންދާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެ ތިން މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރަން ނިންމާފައިވަނީ މާދަމާ ސަރުކާރުން ޓްރީޓޮޕް ހޮސްޕިޓަލް ދޫކޮށްލުމަށް މަސައްކަތް ފަށާފައިވާތީއެވެ.

އެކަމާ ގުޅޭގޮތުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ކޮވިޑުގެ ފަރުވާއަށް ބޭނުންކުރާ ޓްރީޓޮޕް ހޮސްޕިޓަލު އެކަމަށް ބޭނުންކުރުން ނިމުމަކަށް ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ޓްރީޓޮޕް ހޮސްޕިޓަލު ކޮވިޑް 19 ބައްޔަށް ފަރުވާދިނުން ނިމުމަކަށް ގެނައުމަށް މިހާރު މިވަނީ މަސައްކަތް ފެށިފައި. މިމަހުގެ 30 ވާ ދުވަހު މަސައްކަތް ނިންމައި ހަވާލުކުރުމަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ،" އޭނާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި 2324 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 400 މީހެކެވެ. އަދި މިބަލިން ފަސޭހަވީ މީހުންގެ އަދަދު ވަނީ 1911 އަށް އަރައިފައެވެ.