ސަރުކާރުން ހިދުމަތްތައް ދިނުމުގައި އެއްވެސް ބަޔަކު ތަފާތުކުރުމުގެ ވިސްނުން ނުގެންގުޅޭނެ ކަމަށާއި އަބަދުވެސް މަސައްކަތްކުރާނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ތަންތަނަށް އިސްކަންދީގެން މައްސަލަތައް ހައްލުކުރުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިގޮތަށް ވިދާޅުވީ އައްޑޫ ސިޓީ ހުޅުމީދޫގައި ހުރި އިޖުތިމާއީ ބައެއް މައްސަލަތަކާއި ސިއްހީ ހިދުމަތުގެ އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހުޅުމީދޫގެ ކަމާގުޅޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ ހުޅުމީދުގެ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން އިސްނަގައިގެން ހުޅުދޫ އާއި މީދޫގެ ކުރިއެރުމަށް ކުރައްވާ މަސައްކަތްތައް ޝުކުރު ދަންނަވާ ކަމަށެވެ.

ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށާއި މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. އަދި ހުޅުމީދާ އާއި މުޅި އައްޑޫސިޓީއަށް ހާއްސަ ކޮށްގެން ކުރިއަށްގެންދިއުމަށް ރޭވިފައިވާ ބައެއް މަސައްކަތްތަކުގެ މައްޗަށްވެސް ނައިބު ރައީސް ވަނީ އަލުއަޅުވާލައްވައިފައެވެ.

"ސަރުކާރުން ހިދުމަތްތައް ދިނުމުގައި އެއްވެސް ބަޔަކު ތަފާތުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެ. އޭގެ ބަދަލުގައި އަބަދުވެސް މަސައްކަތްކުރައްވާނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ތަންތަނަށް އިސްކަންދީގެން މައްސަލަތައް ހައްލުކުރެއްވުމަށް،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ މިއަދުގެ ބައްދަލުވުމުގައި ހުޅުމީދޫގެ ބޭފުޅުން ހުށަހެޅުއްވި ކަންކަމުގައި ކަމާބެހޭ މިނިސްޓްރީތަކާއެކު އިތުރު ބައްދަލުވުންތައް ބާއްވައިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުވުމުގައި ހުޅުމީދުގެ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ބޭފުޅުން ވަނީ ހުޅުމީދޫގައި މިހާރު ހުރި ހެލްތު ސެންޓަރުގެ ހިދުމަތްތައް އަޕްގްރޭޑްކުރުމާ ގުޅޭގޮތުންނާއި ބައެއް އާ ހިދުމަތްތައް އެތަނުގައި ތައާރަފުކުރުމަށް ބޭނުންވާކަން ހާމަކުރައްވައި އެކަމުގައި އެބޭފުޅުންގެ ހުށަހެޅުންތަކާއި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް ނައިބު ރައީސްއާ ހިއްސާކުރައްވައިފައެވެ.

މީގެ އިތުރުން ހުޅުމީދޫ އަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ބަޔަކު ދިރިއުޅޭ މުޖުތަމައަކަށް ހެދުމަށް މަސައްކަތްކުރުމާއި މުޖުތަމައުގައި ހުރި އިޖުތިމާއީ އެހެން މައްސަލަތައް ހައްލުކުރުމުގައި ވެސް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިއްބެވިކަން އެބޭފުޅުން ވަނީ ހާމަކުރައްވައިފައެވެ.