މާލޭގެ ކޮމާޝަލް ހާބަރު ބަދަލުކުރަން ހަމަޖެހިފައިވާ ކ. ގުޅިފަޅުން ދިރިއުޅުމަށް ބިން ދިނުމަށް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް ވިދާޅުވީ، މާލޭގޭ ކުދިކުދި ތަންކޮޅުކޮޅު ދޫކޮށްލުމުން އެމީހުންނަށް ބިން ކަނޑާފައި ދިނުމަށް ކުރިން ހިންގި ވެށިފަހި މާލެ ޕްރޮގްރާމް ހިންގުމަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ސަރުކާރުން ވީ ވައުދެއް ކަމަށެވެ.
އެހެންކަމުން ވެށިފަހި މާލެ ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ ވިސްނުމަކީ ކޮބައިތޯ އާއި ގުޅިފަޅު ޕްރޮޖެކްޓުގެ ދަށުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަންތޯ އޭނާ ސުވާލު ކުރެއްވިއެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރާއި ނޯތު ހާބަރުގައި ހުރި ހުރިހާ ވަސީލަތެއް ހިމެނިގެން ގުޅިފަޅު ތަރައްގީ ކުރާނީ ޕޯޓް ސިޓީއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެތަނުގައި ދިރިއުޅުމަށް ކޮންމެވެސް ވަރަކަށް ބިން ކަނޑައެޅިފައިވާނެ ކަމަށް ވިދާޅުވިއެވެ.
"ގުޅީފަޅު ޕްރޮޖެކްޓުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހިމެނޭނެ ދިރިއުޅުމަށް ކަނޑައެޅޭ ބިންތަކަށް. އެ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދޭ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް އާއި އަޅުގަނޑާ މިކަމުގައި ކޮންމެވެސް ވަރެއްގެ މަޝްވަރާތަކެއް ކުރެވެމުން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ގުޅިފަޅުން ބިން ދޫކުރުމަށް ކަނޑައަޅާފައިވީ ނަމަވެސް ބިން ދޫކުރާނީ ގޯތި ކަނޑައިގެންތޯ ނުވަތަ އެހެން ގޮތަކުންތޯ އަދި ނިންމިފައިނުވާ ކަމަށެވެ. އަދި އެތަނުގައި ވެށިފަހި މާލެ ޕްރޮގްރާމަށް ޖާގައެއް ހޯދިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ގުޅިފަޅުން ދިރިއުޅުމަށް ބިން ދިނުމާ ގުޅޭގޮތުން މިނިސްޓަރު އަސްލަމާއި ރައީސް ނަޝީދު މަޝްވަރާ ކުރައްވާފައިވާއިރު، މާލެ ސަރަހައްދު އިތުރަށް ހިއްކަން ޖެހޭނީ އެހެން ގޮތެއް ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މާލެ ސަރަހައްދު އިތުރަށް ތޮއް ނުޖެހޭ ގޮތަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު