ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ހުކުރު ދުވަހުުގެރޭ ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ދޫކޮށްލި މައްސަލައިގައި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ހައްޔަރު ކުރަން ޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ކުށުގެ ވެށިން ހައްޔަރު ކުރި ކަމަށް ބުނާއިރު ދޫކުރަން ޖެހުނީ ކީއްވެތޯ އަދުރޭ ސުވާލު ކުރެއްވިއެވެ. އަދި ނަގަން ޖޭހޭ ސާމްޕަލްތައް ނުނަގައި ލަސްކޮށްފައިވަނީ، ގަސްދުގައި މި މައްސަލަ އޮއްބާލައި، ހެކި ނައްތައިލުމުގެ ޖާގަ ދިނުމަށް ކަމަށްވެސް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން މިހާރުވެސް ސީޕީ ހަމީދު ސަސްޕެންޑު ކުރަން ޖެހޭ ވަރުގެ، ތަހުގީގު ކުރަން ޖެހޭ ދެ މައްސަލައެއް އުޅޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ސީޕީ ހަމީދުގެ މައްޗަށް ތުހުމަތު ކުރެވޭ އެއް މައްސަލައަކީ އެމްޑީއެން ޖަމިއްޔާގެ މައްސަލަ ޖެހުނު ރިޕޯޓު ނެރުނު އިރު، އެ ޖަމިއްޔާގެ އިސް މަގާމެއްގައި ސީޕީ ހަމީދު ހުންނެވުން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަނެއްކަމަކީ ބަޔަކު ބަނގުރާ ބޮއެ، ނަށާ މަންޒަރު ފެންނަ ވީޑިއޯއެއްގައި ސީޕީ ހަމީދު ހުންނެވި ކަމަށް ދެކެވޭ ވާހަކަ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިއީ ތަހުގީގު ކުރަން ޖެހޭ މައްސަލަތަކެއް ކަމަށެވެ. އަދި މިކަންކަން ތަހުގީގު ކުރާއިރު ސީޕީ ސަސްޕެންޑު ކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ތަހުގީގު ކުރަން ޖެހޭނީ ވަކި މައްސަލައެއްގައި ހިމެނޭ މީހުން އެކަނި ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ ތަހުގީގު ކުރަން ޖެހޭނީ ހަމައެކަނި އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ މީހުން، ނޫނީ އެހެން މައްސަލަތަކުގައި ހިމެނޭ މީހުން އެކަނި ނޫން ކަމަށެވެ. ސީޕީ ހަމީދުގެ މައްސަލައެއް ބަލާނަމަ ސީޕީ ހަމީދުވެސް ސަސްޕެންޑު ކުރެވެން ޖެހޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސަރުކާރު ފެއިލް ވެފައިވާ ކަމަށާއި، ސަރުކާރުގައި ކޮރަޕްޝަންގެ އަމަލު ހިންގާ ކަމަށެވެ. ސަރުކާރު ތެރޭ ހިންގާ ކަންކަމުން ރައްޔިތުންގެ ފޯކަސް އަނބުރާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ރައީސް ޔާމީނުގެ މައްޗަށް ކުރާ ދައުވާއަކީ ހަގީގަތެއް ނެތް، ސިޔާސީ ދައުވާއެއްކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.