ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ތެލުގެ ވަގު ވިޔަފާރީގެ ތަހުގީގު ހިންގަން ހަވާލުކުރި ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ހޯދަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި މޯކޮމް ކުންފުންޏާ ދެމެދު 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ތަހުހީގު ކުރުމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރީ ސިންގަޕޫރުގެ ގްރާން ތޯންޓަން އިންޓަނޭޝަނަލް ނަމަކަށް ކިޔާ އޮޑިޓް ފާމަކާއެވެ.
އެމަނިކުފާނުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވި ފަހުން އެ މައްސަލައިގެ ރިޕޯޓް ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލައިގެ ވާހަކަތައް އަލުން ދައްކަން ފަށާފައި މިވަނީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ދައުލަތުގެ ފައިސާއިން އެ ރިޕޯޓު "ބައްލަވައިގެންނެވި" ކަމަށާއި އެޔަށް ފަހު އެ ރިޕޯޓް ފޮރުއްވަވާފައިވާ ކަމަށް ތުހުމަތުކުރައްވައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުމުންނެވެ. އެ މައްސަލަ ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ތެލު ވަގު ވިޔަފާރި ތަހުގީގު ކުރުމަށް ގްރާންޓް ތޯންޓަންއާއެކު ދައުލަތުން ވެފައިވާ އެއްބަސްވުން ހޯދަން ހުށަހެޅުއްވީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
އޭނާ ވިދާޅުވީ، އެ ތަހުގީގަކީ ދައުލަތުން އެއްވެސް ފައިސާގެ މުއާމަލާތެއް ނުހިންގާ ކުރިޔަށް ގެންދިޔަ ތަހުގީގަކަށްވާއިރު އެ ތަހުގީގު ރިޕޯޓް ހޯދުމަށް ދައުލަތުން 150 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުނީ ކީއްވެގެންތޯ ހޯދަން ޖެހޭ ކަމަށެވެ.
ގްރާން ތޯންޓަންއާއެކު ވެފައިވާ އެއްބަސްވުން ހޯދުމުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އޮތް ކަމަށް އެ ކޮމިޝަނުން ބުނާ އެ މައްސަލައިގެ ރިޕޯޓާއި އެ މައްސަލައާ ގުޅިގެން އޭސީސީން ކޮށްފައިވާ މަސައްކަތްތަކުގެ ހުރިހާ ލިޔެކިޔުންތަކެއް ވެސް ހޯދަން މިއަދުގެ ކޮމިޓީން ވަނީ ނިންމައިފައެވެ.
އެ މައްސަލަ ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، އޭސީސީގައި އޮތް މައްސަލައިގެ ރިޕޯޓާއި އެ ކޮމިޝަންގައި ހުރި މައްސަލައާ ގުޅުންހުރި ހުރިހާ ލިޔެކިޔުމެއް ލިބުމުން ރިޕޯޓްގައި އޮތް ވާހަކައަކާއި އޭސީސީ އާއި އޭރުގެ ސަރުކާރުން ކަންތައްތައް ކޮށްފައި އޮތް ގޮތުގެ ދިރާސާއެއް ކޮމިޓީއަށް ކުރެވޭނެ ކަމަށެވެ. އަދި އެ ދިރާސާގެ އަލީގައި ފާހަގަވާ ކަންކަމުގެ މައްޗަށް ހުށަހެޅުންތަކެއް ހުށަހެޅޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމެޓީގެ ބައްދަލުވުމުގައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ވަނީ ގްރާންޓް ތޯންޓަންއަށް ވަރަށް ބޮޑަށް ތުހުމަތު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ، އެ ފާމުން ދައުލަތުގެ ރިޕޯޓްގެ ނާޖާއިޒު ފައިދާއެއް ނަގާފައިވާ ކަމަށާއި ދައުލަތަށް އެ ރިޕޯޓް ވިއްކާލަން ޖެހޭ ސަބަބު ހޯދަން ޖެހޭ ކަމަށެވެ. އަދި ފުރިހަމަ ތަހުގީގެއް ނުކޮށް މަޖިލީހުގެ ސިއްކަ ޖަހައިގެން ސިޔާސީ ނޫސްބަޔާނެއް ނެރިގެން ނުވާނެ ކަމަށާއި އެފާމުން ހިންގާފައިވާ ބައިނަލްއަގްވާމީ ކުށް ވެސް ބަލަން ޖެހޭނެ ކަމަށް ސައުދު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ސިރާޖާއި ހަސަން ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. އަދި އެ ދެ ހުށަހެޅުން ފާސްކުރީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އޭގެ އިތުރުން ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ނިންމަން ވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު