ފުރާވަރަށް އަޅާ ކުދިންނަށް މައިންބަފައިން އެކުދިން ކުރާ ހުރިހާ ކަމެއްގައި ކުށްދައްކާހެން ހީވުމަކީ ވަރަށް އާއްމުކަމެކެވެ. ކުދިން ކުރާ ރަނގަޅު ކަންކަން ފާހަގަ ނުކޮށް ގޯސްކޮށް ކަމެއް ކުރާ އިރަށް އެކަން ފާހަގަކުރީ ކަމަށް ބުނެ ފުރާވަރަށް އަޅާ ކުދިން ވަރަށް ގިނައިން ޝަކުވާވެސް ކުރާނެއެވެ. ބައެއް ހާލަތްތަކުގައި ކުދިން އެގޮތަށް ޝަކުވާ ކުރަނީ މައިންބަފައިން ހަގީގަތުގައިވެސް ދަރިފުޅުގެ ކުށް އަބަދުވެސް ދައްކާތީއެވެ.
ގިނަ ހާލަތްތަކުގައި ދަރިންނަށް މައިންބަފައިން އެކުދިންގެ ކުށް ދައްކާހެން ހީވަނީ، ދަރިފުޅަށް އެހީތެރިވުމުގެ ނިޔަތުގައި މައިންބަފައިން ކުރާ ބައެއް ކަންކަމުގެ ސަބަބުންނެވެ. ދަރިންނަށް އެހީވުމަށް މައިންބަފައިން އެކުދިން ކުރާ ކަންކަމާ ބެހި ރަނގަޅު ގޮތް ބުނެދިނުމުން ކުއްޖާއަށް ވިސްނެނީ ކުރާ ހުރިހާ ކަމެއްގައި ކުށް ދައްކާ ގޮތަށެވެ. އަދި ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް ތައުރީފުގެ ބަހެއް ނުބުނެ ކުރެވޭ ގޯސް ކަންކަން އެކަނި ފާހަގަކުރާތީ އެވެ.
ގިނަ ބެލެނިވެރިން ގަބޫލުކުރާގޮތުގައި، މައިންބަފައިންގެ ޒިންމާއަކީ ދަރިފުޅަކީ ފުރިހަމަ މީހަކަށް ހެދުމެވެ. ދަރިފުޅު ފުރިހަމަ މީހަކަށް ހެދުމަށް ކުރާ ކަންކަމުން އެކުދިންނަށް ހީވަނީ މައިންބަފައިންނަށް ހަމައެކަނި އެކުދިންގެ ކުށްފެންނަ ހެންނެވެ. އެގޮތުން ކޮޓަރި ސާފު ކުރަން ބޭނުމާއި ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރަން އަބަދު ކިއުމުން ދަރިފުޅަށް އެ ނަގައިގަނެވޭނީ މުޅިން ތަފާތު ކޮށެވެ.
އަހަރެމެންގެ ތެރޭގައި އާންމު ކަމެކެވެ. ދަރިފުޅު ކޮޓަރީ ކުނި ނުކަހައި އޮވެއްޖެ ނަމަ "ހާދަ ގޮނޑުކޮށޭ ތި އުޅެނީ،" ބަދިގެޔަށް ނުވަނެއްޖެ ނަމަ "ދުވަހަކުވެސް ބަދިގެޔަށް ވަދެ ކަމެއް ނުކުރޭ،" ފެން ނުވަރައި ލަސްވެއްޖެ ނަމަ، "ހާދަ ސާފުތާހިރުކަމެއް ނުހުރެޔޭ،" އަދި މަންމަ ނޫނީ ބައްޕަޔާ ދިމާއަށް މޫޑީ ވެގެން އެއްޗެއް ބުނެފި ނަމަ " ދުވަހަކުވެސް މައިންބަފައިންނާ ރީއްޗަށް ވާހަކައެއް ނުދައްކައޭ،" މިފަދަ ޖުމުލަތައް ދަރީންނާ ދިމާއަށް ބުނެވޭތަން އާދެ އެވެ.
އުޅޭތަން ސާފުކުރަން ދަރީންނަށް ދަސްކޮށްދިނުމާއި ކިޔެވުމަށް ހަނދާން ކޮށްދިނުމަކީ މުހިންމު ކަމެކެވެ. އެހެންނަމަވެސް މައްސަލައަކަށް ވަނީ ބުނެވޭ ރާގެވެ. ދަރިފުޅާ ދިމާއަށް ރުޅިއައިސްގެން ލިސްޓަކަށް އެކުއްޖާ ނުކޮށް ހުރި ކަންކަން ކިޔައިލީމަ ކުއްޖާއަށް އެކަން ނެނގޭނީ މުޅިން ތަފާތު ކޮށެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ރީތިކޮށް އަވަސް އަރުވާނުލައި ދަރިފުޅަށް ވަގުތު ދީގެން އެފަދަ ކަންކަން ކުރުވަން މަސައްކަތް ކުރާށެވެ.
ދަރިން ބޮޑުވަމުން ދާވަރަކަށް މައިންބަފައިން ރުޅި އައިސްގެން އެއްޗެހި ކިއުމުން އެ އަޑު ނާހާ ވާހަކައަކީ ގިނަ މީހުން ދައްކާ ވާހަކައެކެވެ. ފަހަރުގައި ދަރިންނަށް މައިންބަފައިން އެއްޗެހި ކިއުމުން އަޑު ނީވެނީ، އެކުދިންނާއި ދިމާއަށް ތައުރީފުކޮށް މައިންބަފައިން ބަހެއް ބުނާ އަޑުނީވޭތީ ކަމަށްވެސް ވެދާނެއެވެ. ކުއްޖާ ޒުވާނަކަށް ވާ އުމުރަކީ އަދި އެކުއްޖާއަށް އެންމެ ރަނގަޅު ވިސްނުން ނުލިބޭ އިރެވެ. އެހެންކަމުން އެ ދުވަސްވަރު އެކުދިންނާ ގުޅުން ބަދަހިކޮށް، އަބަދު ދަރިންގެ ކުށް ނުދައްކައި، ކުއްޖާ ކުރާ ރަނގަޅު ކަންކަން ވެސް ފާހަގަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ވިސްނައިލަން ޖެހޭ ކަމަކީ އެ ކުދީންނަށް ކަންކަން ދަސްވަމުން އަންނަނީ އުޅޭ މާހައުލުގެ ތެރެއިންވެސް ކަމެވެ. ނަމޫނާ ދައްކަން ޖެހޭނީ ވެސް މައިންބަފައިންނެވެ. އެކުދީން ދުނިޔެއަށް އުފަންވީ ފިތުރަތުގެ ސާފުކަން މަތީގަ އެވެ. ތަމްރީނު ދީ ގެވެހިކުރާން ޖެހެނީ ބެލެނިވެރީންނެވެ. އެކަން ކުރުމުގައި އެންމެ ނާކާމިޔާބު މޮޑެލް އަކީ ދަރީންގެ ކުށް ދެއްކުމެވެ. ކުށް ދައްކާ ނަމަ އެކުއްޖާއަށް ދަސްވާނީ ކުށްވެރިޔެއް ކަމުގެ އިހުސާސް ކުރާށެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ދާނީ ގެއްލެމުންނެވެ. އެ ކުއްޖާ ބޮޑުވާ ދުވަހަކުން އޭނާވެސް ދަރީންނާ މެދު ބަސްމަގު ބަހައްޓާނީ ބެލެނިވެރީން ދަސްކޮށްދީން މަގުންނެވެ.
އެހެން ކަމުން ދަރިފުޅާ ގާތް ގުޅުން ބާއްވާށެވެ. ހެނދުނު ތެދު ކުރާށެވެ. ކޮޓަރި ތެރެވެސް އަމިއްލަޔަށް ސާފުކުރުވައި އެދުތަންމަތިވެސް އަޅުވާށެވެ. މިކަންކަން ކުރުވާނީ އަމުރު ކުރުވައިގެނެއް ނޫނެވެ. ދަރިފުޅު ކައިރީ އިނދެގެން ލޯބިންނެވެ. އަދި ދަރިފުޅާ އެކު މިކަންކަމުގައި ބައިވެރިވެސް ވާން ވާން ވާނެ އެވެ. ބަދިގެޔަށް ވައްދައި ކެއްކުމުގެ ކަންކަންވެސް ދަސްކޮށްދޭށެވެ. މަޑުމަޑުންނެވެ. މި ހުރިހާ ކަމެއްގައި ވެސް ލޯތްބާއި އޯގާތެރިކަމުގެ ބަސްތައް ބޭނުންކުރާށެވެ. އަދި ކޮންމެ ކަމެއް ނިމުމުން ތައުރީފުވެސް ބަސްތައް އިއްވާށެވެ. އޭރުން ދަރިފުޅަށް ހިތްވަރު ލިބޭނެ އެވެ. އަލުން ކަންކަން ކުރާހިތް ވާނެ އެވެ. އަމިއްލަޔަށް ވެސް ކަންކަން ކުރާން ފަށާނެ އެވެ. ގޯސްކޮށް ކަމެއް ވާ ފަހަރުވެސް ރުޅިއައިސްގެން އެއްޗެހި ނުކިޔައި ނުރުހުނު ކަންވެސް ރީއްޗަށް އިހުސާސް ކޮށްދޭށެވެ. އެކުދީންގެ އުމުރާ ގުޅިގެން އަންނަ ބަދަލުތައް ވެސް ދެނެގަނެގެން ކުރިޔަށް ދާށެވެ. އެހެން ނޫން ނަމަ، އާހިރު ނަތީޖާއަކަށް ވާނީ ދަރީންނާއި މައިންބަފައިންނާ އޮންނަ ގުޅުން ކެނޑި، ދަރީން މައިންބަފައިން ދެކެ ޖެހިލުންވެ ބިރުގަންނާން ފެށުމެވެ. ހައްލަކީ އެއީއެއް ނޫނެވެ. ހައްލަކީ ތި ދެމެދުގައި އޮންނަ ލޯބި އިތުރުވެ އިތުބާރާއި ޔަގީންކަން ބޮޑުވުމެވެ. ހެޔޮ ތަރުބިއްޔަތާއި ޒިންމާދާރު ޖީލެއް ބިނާވަމުން ދިޔުމަށް މަގިފަހިކޮށް ކަންކަން އިންތިޒާމުވަމުން ދިއުމެވެ.