ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބުން ދިއްދޫ ސްޕޯޓްސް ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި އޮޑިން ދިއްދޫ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އޮޑިން މިއަދު ހޯދި މޮޅާއެކު އެޓީމު އޮތީ ތިންވަނައިގައެވެ. އެއީ އަށް މެޗުން 14 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ވިކްޓްރީ ސްޕޯޓްސް ކްލަބު އޮތީ ހަތް މެޗުން 19 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މާޒިޔާއިން ހަތް މެޗުން 16 ޕޮއިންޓާއެކު އޮތް އިރު، ފުރަތަމަ ކުޅުނު މެޗުތަކުން އުންމީދީ ނަތީޖާތަކެއް ހޯދި ދިއްދޫ އޮތީ ނުވަ ވަނައިގައެވެ. އެއީ އަށް މެޗުން ފަސް ޕޮއިންޓާއެކުގައެވެ.
އޮޑިން ވަނީ ފުރަތަމަ ހާފުގައި ލީޑު ނަގައިފައެވެ. މެޗުގެ 30 ވަނަ މިނިޓުގައި އޮޑިއަށް ލީޑުނަގައިދިނީ ބްރެޒިލްގެ ހަޑްސަން ޑިއާޒެވެ. އަރިމަތިން މުހައްމަދު ސާމިރު ނެގި ހުރަހަަކަށް އަރައި ހަޑްސަން ގޯލް ޖެހީ ބޮލުންނެވެ.
އޮޑިން ދެވަނަ ގޯލް ޖަހައި ލީޑުފުޅާކުރީ މެޗުގެ 64 ވަނަ މިނިޓުގައެވެ. އެ ގޯލް ޖެހީ ކައުންޓަ އެޓޭކުގައި އަހުމަދު އައިހަމް (އައިހު) އެވެ. އައިހު ގޯލް ޖެހީ ދިއްދޫގެ ކުޅުންތެރިއަކު ކައިރިން ނައްޓާފައި އޭރިއާތެރެއަށްވަދެ، ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ކޮމެންޓް