މިއަދު ގދ. ގައްދޫގައި ބިސް ބުރު ސްޕޯޓްސް ކްލަބުން ގައްދޫ ރެކްރިއޭޝަން ކްލަބު ބަލިކޮށްފިއެވެ.

ބިސް ބުރުން މިއަދު ކުޅުނު މެޗުގައި ގައްދޫ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ބިސް ބުރާއި ގައްދޫންވެސް ފުރަތަމަ ފަހަރަށް ރާއްޖޭގެ ޕްރިމިއާ ލީގުގައި ވާދަކުރަމުންދާ އިރު، ބިސް ބުރުން މިވަގުތު އޮތީ ތިންވަނައިގައެވެ. އެއީ ހަތް މެޗުން ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓާއެކުގައެވެ.

ދެވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އޮތް އިރު، އެޓީމަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވެއެވެ. އަދި ވިކްޓްރީ ސްޕޯޓްސް ކްލަބު އެއްވަނައިގައި އޮތީ ހަތް މެޗުން 19 ޕޮއިންޓާއެކުގައެވެ. ގައްދޫ މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުންވެސް ބަލިވެފައިވާ އިރު، އެޓީމަށް މިއަދު ކޯޗުކަން ކޮށްދިނީ އަލަށް ހަވާލުވި އިބްރާހިމް ހަލީމް (ޖަޑާ)އެވެ.

ގައްދޫން ކޮލިފިކޭޝަންގެ އިތުރުން ލީގުގެ މިދިޔަ ތަނުގައިވެސް ކުޅުނީ ކޯޗު މުހައްމަދު ނަޒީހުގެ ކޯޗުކަމުގެ ދަށުންނެވެ. އެޓީމުން ކޯޗު ބަދަލުކުރީ އިންޓަނޭޝަނަލް ބްރޭކާ ދިމާކޮށެވެ.

މިއަދު ކުޅުނު މެޗުގައި ބިސް ބުރުން ގޯލް ޖެހީ 23 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ ނައިޖީރިއާގެ މިޑްފީލްޑަރު، އަރެމޫ ޓިމޮތީއެވެ. އޭގެފަހުން މެޗުގައި ގޯލެއް ނުފެނުނު ނަމަވެސް، ގައްދޫގެ ހަމަލާތައްވެސް ފެނުނެވެ.