އެމްޑީޕީގެ އެތެރޭގެ އިންތިހާބު، 970 އަށްވުރެ ގިނަ ކެންޑިޑޭޓުންނާއެކު މިއަދު ފަށައިފިއެވެ.
މިއަދު މެންދުރުފަހު 2:30 ގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފެށި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން 448 މަގާމަކަށް މެންބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މެމްބަރުން ހޮވާ މަގާމުތަކަކީ:
- ކޮންމެ އަތޮޅަކުން އަދި ކޮންމެ ސިޓީއަކުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެމްބަރުން
- ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެމްބަރުން
- ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބު ރައީސުން
- ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކްރެޓަރީ
- ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކްރެޓަރީ
- ރަށު އަދި ސިޓީ ދާއިރާތަކުގެ ޒުވާނުންގެ ސެކްރެޓަރީ
- އަންހެނުންގެ ރޫހުގެ ރައީސް
- އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެމްބަރު
- ޒުވާނުންގެ ހިތްވަރުގެ ރައީސް
- ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެމްބަރުން
މި މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 979 ކެންޑިޑޭޓުން ކުރިމަތިލާފައިވާ އިރު، އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލީ މާލޭގެ ދާއިރާތަކަށެވެ. މި އިންތިހާބު ވެސް ފާހަގަކޮށްލެވެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާދަވެރިކަމެއްގެ ގޮތުގައެވެ. ނަޝީދު ތާއީދުކުރައްވާ ކެންޑިޑޭޓުން "ބޮޑު ބަދަލު" ޓީމުގެ ގޮތުގައި ނުކުންނަ އިރު، ސޯލިހު ތާއީދުކުރައްވާ ކެންޑިޑޭޓުން ނުކުންނަނީ "ޓީމު އެމްޑީޕީ"ގެ ގޮތުގައެވެ.
މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ އާ އަސާސީ ގަވައިދެއް ފާސްކޮށްފައިވާ އިރު، އޭގައިވާ ގޮތުން ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު އުވާލައި، އެންމެ އިސް މަގާމުގެ ގޮތުގައި ޗެއާޕާސަންގެ މަގާމު ހަމަޖެއްސުމަށް އަސާސީ ގަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ޗެއާޕާސަން ނައިބުންގެ އަދަދު 2 އިން 3 އަށް އިތުރުކޮށް، ގައުމީ މަޖިލިސް މެންބަރުންގެ އަދަދު ވެސް އިތުރުކުރަން ވަނީ ނިންމައިފައެވެ.
ކޮމެންޓް