އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް، އިދިކޮޅު އެމްޑީޕީ މެންބަރުން ހުށަހެޅުއްވި އެންމެ އިސްލާހެއްވެސް މަޖިލީހުން ފާސްކޮށް ނުދިނުމުން ބަޖެޓް ފާސްކުރަން އެމްޑީޕީގެ އެއްވެސް މެންބަރަކު ވޯޓެއް ނުދިނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީން ފޮނުވިގޮތަށް ބަޖެޓް ފާސްކުރަން ފެނޭތޯ ވޯޓަށް އެއްސެވުުމުގެ ކުރިން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 23 އިސްލާހެއް މެންބަރުން ބަޖެޓަށް ހުށަހަޅުއްވާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލިސް ގަވާއިދުގެ 36 ވަނަ މައްދާގެ (ށ) އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 25 ވަނަ ބާބުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަަ ވަނީ އެ އިސްލާހުތަކުގެ ތެރެއިން ހަތް އިސްލާހުގެ ކަމަށެވެ. އެއް އިސްލާހު އަނބުރާ ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މަޖިލިސް ގަވާއިދުގައި ބުނާ ޝަރުތު ހަމަވާ އިސްލާހުތަަކަށް ވޯޓަށް އެއްސެވިއެވެ.
އެ ހުރިހާ އިސްލާހެއް ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރުންނެވެ.
އިސްލާހު ހުށަހެޅުއްވި މެންބަރުން:
-
- ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު، ދެ އިސްލާހު
- ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގު، ދެ އިސްލާހު
- ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް، އެއް އިސްލާހު
- ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު، އެއް އިސްލާހު
މީގެ ތެރެއިން އެއްވެސް އިސްލާހެއް މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ފާހެއް ނުކޮށްދިނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ބަޖެޓް ފާސްކުރަން ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެ އެ ބޭފުޅުންނަށް ފާހަގަކުރެވޭ ސަބަބުތައް އެމްޑީޕީ ބައެއް މެންބަރުން ވިދާޅުވިއެވެ. އަދި އެބޭފުޅުން ބޭނުންވާ އިސްލާހުތަކެއް ބަޖެޓްގައި ހިމަނައިފިނަމަ ވޯޓު ދެއްވާނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީ މެންބަރުން ހުށަހެޅި އިސްލާހުތައް ފާސްކޮށްނުދިނުމުން، މުޅި ބަޖެޓް ހުށަހަޅާފައިވާގޮތަށް ފާސްކުރަން ވޯޓު ނެގިއިރު މިއަދުގެ ޖަލްސާގައި ތިއްބެވި އެމްޑީޕީގެ 13 މެންބަރުން ވޯޓު ދެއްވީ ބަޖެޓް ފާސްކުރަން ނުފެންނަ ކަަމަށެވެ.
އެގޮތަށް ވޯޓު ދެއްވި މެންބަރުން:
-
- ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
- ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މުސާ
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
- ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
- މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
- ހިތަދޫ އުުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގު
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
- މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު
- ތޮއްޑޫ ދާއިޮރާގެ މެންބަރު ހުސައިން ސަމީރު
- ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެހެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް