ރާއްޖޭގައި ފުރަތަމަ ޑިގްރީ ފުރިހަމަކޮށް، ވަޒީފާއެއް ނުލިބި ތިބި ހުރިހާ ޒުވާނުންނަށް މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެއްކަމަށް ހޯމްލޭންޑް ސެކިއުރެޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ހޯމްލޭންޑް ސެކިއުރެޓީ މިނިސްޓްރީން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފެށި "ވަރަ އެކްސްޕޯ 2026" ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގައުމީ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައި ކަމަށެވެ.

"އެއްކަމެއް އަޅުގަނޑު ފާހަގަކޮށްލާނަން، ޑިގްރީ ހަދައިގެން ތިބި، ވަޒީފާ ސީ ކުރަމުންދާ ހުރިހާ ޒުވާނުންނަށް މާތް. ﷲގެ އިރާދަފުޅާއަކުން މި ދައުރު ނިމުމުގެ ކުރިން ވަޒީފާ ފުދުންތެރިވެ، ވަޒީފާއެއް ލިބި، އަދި އެ މީހަކު ފަހުރުވެރިވާ ފަދަ ވަޒީފާއެއް އަދާކުރެވުނު ފުރުސަތު ހޯދައިދިނުމަކީ އަދުގެ ސަރުކާރުގެ އެއް އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ. އަޅުގަނޑުމެން މިއަދު މި ފަށައިގަންނަ މަސައްކަތަކީ އެ ކަމުގެ އަމަލީ މަސައްކަތް ޑެލިވާކުރުމުގެ މަސައްކަތްތައް،" އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ، މަސްތުވާތަކެތީގެ ނުރައްކަލުން ޒުވާނުން ސަލާމަތްކުރުމަށާއި، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، ގޭންގު ކުށްތައް ކޮންޓްރޯލް ކުރުމަށް ފަށާފައިވާ މަސައްކަތްތަކުން މިހާރުވެސް ކާމިޔާބީތަކެއް ފެންނަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގައުމުގައި ހުރި ގިނަ އިޖުތިމާއީ މައްސަލަތަކުގެ ހަގީގީ ހައްލަކީ ޒުވާނުންނަކީ ޒިންމާދާރު، އުފެއްދުންތެރި، އަދި ވަޒީފާ އަދާކުރާ ބަޔަކަށް ބަދަލުވުންކަމަށް އިހްސާން ވިދާޅުވިއެވެ.

އެހެންކަމުން، މި އަމާޒަށް ވާސިލުވުމުގައި ވަޒީފާދޭ ކުންފުނިތަކާއި މުއައްސަސާތަކުގެ އެއްބާރުލުން އިންތިހާއަށް މުހިންމުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހޯމްލޭންޑް ސެކިއުރެޓީ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާ އެކުއެކީގައި، ޒުވާނުންނަށް ޒަމާނީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ޓެކްނޮލޮޖީއާއި ޑިޖިޓަލް ދާއިރާއިން ގައުމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ކަމަށެވެ.