ކުޑަކުދިން ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ތިރިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، މިހާރު ގާނޫނުގައި ކުށުގެ ޒިންމާ ނަގަންޖެހޭ ކަމަށް ކަނޑައެޅިފައި ވަނީ 15 އަހަރުން ކަމަށެވެ. ނަމަވެސް އުމުރުން 13 އަދި 14 އަހަރުގެ ގިނަ ކުދިން ކުށުގެ އަމަލުތަކުގައި ބައިވެރިވެ، ނުރައްކާތެރި ހާލަތަށް ވެއްޓިފައި ތިބި މަންޒަރު ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ކުދިންނާ ގުޅިގެން ދައުލަތުން މަސައްކަތްކޮށް ހަރުދަނާ ޒުވާނުންނަށް ހެދުމުގެ ފުރުސަތު ގާނޫނީގޮތުން ހަނިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ހާއްސަކޮށް ރިހެބިލިޓޭޝަންގެ ނަޒަރުން ކުދިންނާއެކު ފުޅާ ދާއިރާއެއްގައި މަސައްކަތްކުރެވޭނެ މަގު ހުޅުވުމަށްޓަކައި 12 އަހަރަށް ތިރިކުރުމާ މެދު ވިސްނަމުންދާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ސާފުކޮށްދެއްވި ގޮތުގައި، 12 އަހަރުވުމުން ކުދިންނަށް އަދަބު ދިނުމަކީ މި މަޝްވަރާގެ މަގުސަދެއް ނޫނެވެ.

ޖިނާއީ އަދަބެއް ތަންފީޒުކުރަންވީ ކޮން އުމުރަކުންތޯ ކަނޑައެޅުމުގެ ބަހުސް ވެސް ހިނގަމުންދާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، 15 ނުވަތަ 18 އަހަރާ ދެމެދުގެ އުމުރެއް ބައެއް ފަރާތްތަކުން ހުށަހަޅަމުންދެއެވެ. ހަމައެހެންމެ، ކުދިންގެ ތައުލީމީ ތަރައްގީއާއި އޮންލައިން ބޭނުންކުރާ މިންވަރަށް ބެލުމާއި، ކުޑަކުދިންނަށް އެންމެ ބޮޑަށް ގެއްލުންދެމުންދާ ފަރާތްތައް ޓާގެޓް ކުރަނީ ކޮން އުމުރުފުރައަކަށްތޯ ދެނެގަތުން ވެސް މުހިންމު ކަމަށް ވިދާޅުވިއެވެ.

މި ދާއިރާގެ ތަޖުރިބާކާރުންގެ ލަފާ ހޯއްދަވާނެ ކަމަށާއި، ބައެއް ގައުމުތަކުގައި 14، 15 ނުވަތަ 16 އަހަރުންވެސް ޒިންމާ ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، އަދި އެކަމާ ވަކި ގޮތެއް ނުނިންމައި ދިރާސާކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.