ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށާއި، ނަމަވެސް ވަކި އުމުރުފުރާއަކުން ދަށުގެ ކުދިންނަށް އޮންލައިން މާހައުލު ރައްކާތެރިކޮށްދިނުމަށް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ދިރާސާތައް ކުރިއަށްދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާ ބޭން ކުރަން އުޅޭ ކަމަށްބުނެ ފަތުރަމުންދާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެކެވެ. ސޯޝަލް މީޑިއާ ބޭނުންކުރުން އެއްކޮށް މަނާކުރަން ކެބިނެޓުގައި އެއްވެސް މަޝްވަރާއެއް ހިނގާފައި ނުވާ ކަމަށާއި، އެއީ ކުރާނެ ކަމެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް އިންޓަނެޓް މެދުވެރިކޮށް ކުރިމަތިވާ ގެއްލުންތައް ކަމުގައިވާ ގްރޫމިންއާއި، ސައިބާ ބުލީއާއި، އުމުރާ ނުގުޅޭ ކޮންޓެންޓަށް ހުށަހެޅުމާއި، ނުބައި މައުލޫމާތު ލިބުން ފަދަ ކަންކަމުން ކުދިން ސަލާމަތްކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް ދިރާސާކުރައްވަމުން ގެންދަވާ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ޖޫން މަހު އެއްވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކުރައްވާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިކަމާ ބެހޭ ޕޭޕަރެއް ކެބިނެޓުގެ ސަބް ކޮމިޓީއެއް ކަމުގައިވާ ސޯޝަލް ކައުންސިލަށް އިއްޔެ ހުށަހެޅުއްވީ އެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ލަފައާއި މަޝްވަރާ ހޯއްދެވުމަށެވެ. ސޯޝަލް ކައުންސިލުގެ ލަފާ ލިބުމަށްފަހު، މަދަނީ ޖަމާއަތްތަކާއި އާންމު ރައްޔިތުންގެ ހިޔާލު ހޯދައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ހިންގުމަށް ރާވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެ މަރުހަލާތައް ނިމުމުން ސިޔާސަތެއް ގާއިމުކޮށް ކެބިނެޓުގެ ލަފައަށް ހުށަހެޅުއްވުމަކީ ރޭވިފައި އޮތް ގޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޓެކްނިކަލް ޓީމުތަކުގެ މިހާތަނަށް ދީފައިވާ ލަފާގައި އެންމެ އެކަށީގެންވާ އުމުރަކީ 16 އަހަރު ކަމަށް ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މުޅި މަރުހަލާ ފައިނަލްކުރުމުގެ ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ގެންދަވާނެ ކަމަށާއި، ގާނޫނަށް އެއްވެސް އިސްލާހެއް ގެންނާނީ ކެބިނެޓުގެ ރެކޮމެންޑޭޝަނަކަށް ފަހުގައި ކަމަށް ވިދާޅުވިއެވެ. މޯލްޑިވްސް 2.0 ގެ ސިޔާސަތު ތަންފީޒުކުރާ އިރު 10 އަހަރުން މަތީގެ ކުދިންނަށް އީފާސް މެދުވެރިކޮށް ތައުލީމީ ޕްލެޓްފޯމްތަކާއި ސިއްހީ މައުލޫމާތު ހިމެނޭ ޕްލެޓްފޯމްތަކާއި ކުދިންގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ދިމާލަކަށް އެކްސެސް ބެހެއްޓުމާއެކު، ގެއްލުންދެނިވި ކޮންޓެންޓް ހިމެނޭ ޕްލެޓްފޯމްތައް ރެސްޓްރިކްޓް ކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރާ ކަމަށްވެސް ވިދާޅުވިއެވެ.
މި ދިރާސާކުރުމުގައި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތައްވެސް ބައްލަވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން އޮސްޓްރޭލިއާގައި 2025 ޑިސެންބަރު 10 އިން ފެށިގެން 16 އަހަރުން ދަށުގެ ކުދިންނަށް މައިގަނޑު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރެސްޓްރިކްޓް ކޮށްފައިވާ ކަމަށާއި، ފްރާންސުގައި 2027 ޖެނުއަރީން ފެށިގެން 15 އަހަރުން ދަށުގެ ކުދިންނަށް ރެސްޓްރިކްޝަން އެޅޭ ގޮތަށް ގާނޫނު ބަދަލުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ނޯވޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ހަމަ އެފަދަ ރެސްޓްރިކްޝަނެއް ގެނައުމުގެ ޕްލޭނެއް ކަނޑައަޅާފައިވާ ކަމަށާއި، ޔޫކޭގައި 16 އަހަރުން ދަށުގެ ކުދިންނަށް އެކްސެސް ރެސްޓްރިކްޓް ކުރުމާ ގުޅޭ ކޮންސަލްޓޭޝަންތައް ފެށިގެން ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ. އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގައި 14 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ސޯޝަލް މީޑިއާ ބޭންކޮށް، 14 އަހަރުން މަތީގެ ކުދިންނަށް ބެލެނިވެރިންގެ ހުއްދައާއެކު އެކްސެސް ދޭ ގޮތަށް އަމަލުކުރަމުންދާ ކަމަށާއި، ޔޫއޭއީގައި 15 އަހަރަކީ މިނިމަމް އުމުރުކަމުގައި ކަނޑައަޅައި ރެސްޓްރިކްޝަން ތަންފީޒުކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ބައެއް ކުދިން އޮންލައިން މާހައުލުގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ހިސާބަށް ގޮސްފައިވާ ކޭސްތައްވެސް ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ ފުރިހަމަ މަގުސަދަކީ ތުއްތު ކުދިންނަށް ރައްކާތެރިކަމާއެކު އޮންލައިން މާހައުލުގައި ހަރަކާތްތެރިވެވޭނެ ގޮތެއް ހޯދައިދިނުން ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވިއެވެ.
ކޮމެންޓް