ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ވާދަވެރި މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މައްޗަށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ކުރި ހޯދައިފިއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ނިއު ރޭޑިއަންޓުން ވިކްޓްރީ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ މިފަހަރު ލީގުގައި ނިއު ބަލިވި ފުރަތަަމަ މެޗެވެ. މިހާރު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ވިކްޓްރީއެވެ.
މިވަގުތު ވިކްޓަރީ އެއްވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ވިކްޓަރީއަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ 13 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ނިއުއާއި ހަތަރެއްގައި އޮތް އޮޑި ސްޕޯޓްސް ކްލަބް އަދި ފަސް ވަަނައިގައި އޮތް ކްލަބް އީގަލްސްއަށްވެސް ވަނީ 11 ޕޮއިންޓް ލިބިފައެވެ. އެ ޓީމުތަކުގެ ފަރަގަކީ ފައިދާ ގޯލްގެ ފަރަގެވެ.
ރޭ ކުޅުނު މެޗުގެ 19 ވަނަ މިނިޓުގައި ވިކްޓަރީން ލީޑުނެގިއެވެ. ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ) ނެގި ހުރަހަކުން އޭރިއާތެރެއިން ވިކްޓަރީގެ ނައިޖީިރިއާ ފޯވާޑް، އަލްހާޖީ ގޭރޯ ބޮލުން ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި، ގޯލުގެ ރޮނގު ހުރަސްކުރީ ކީޕަރު ފައިސަލް އަތުގައިވެސް ޖެހިފައެވެ.
މެޗުގައި ނިއު ރޭޑިއަންޓުން އެއްވަރުކުރި ގޯލް ޖެހީ 31 ވަނަ މިނިޓުގައެވެ. ނިއުގެ ބްރެޒިލް ފޯވާޑް، ޑޮރިއެލްޓަން ނަސިމެންޓޯ (ޑޯރީ) ހުރަސްކޮށްލި ބޯޅައެއް، އެ ޓީމުގެ މުހައްމަދު ނާއިމް ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.
ނިއުއާއި ވިކްޓަރީންވެސް ފުރަތަމަ ހާފު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، ހިނގި ހަމަނުޖެހުމަކަށް ފަހު، ނިއުގެ ނާއިމްއާއި ވިކްޓަރީގެ އުޒްބެކިސްތާން މިޑްފީލްޑަރު، މިރްޖަލޯލް ކަސީމޯވް އަށް ރަތެއް ދެއްކުމުންނެވެ.
މެޗުން މޮޅުވި ގޯލް ވިކްޓަރީން ޖެހީ 78 ވަނަ މިނިޓްގައެވެ. އެއީ ދާދު ދިން ބޯޅައަކަށް އޭރިއާތެރެއިން އަރައި، އަހުމަދު ރިޒްވާން (ރިޒޭ)، މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުން ގޭރޯ ޖެހި ގޯލެކެވެ.
ކޮމެންޓް